ޚަބަރު

ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ފާހަގަކުރުމަށް ދިރާގުގެ ހާއްސަ ހަރަކާތެއް

ދިރާގުން ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައި އެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ދިރާގުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި މިއަދު ބޭއްވި "ޑިޖިޓަލް އިނޮވޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ޕެނަލް ޑިސްކަޝަންގައި ވަނީ ޓެކްނޮލޮޖީ ދާއިރާގެ އިލްމަށް ހިއްސާކޮށް، ވެރިން ބާރުވެރިކުރުމާއި އަންނަން އޮތް ޖީލުތަކަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިއްމު ކަމާއި ބޭނުންތެރިކަން ކިޔައިދީފައެވެ.

އެ ޝެޝަންތަކުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދިރާގުގެ ހެޑް އޮފް ސައިބާ ސެކިއުރިޓީ އިސްމާއިލް ފާއިޒާއި ހެޑް އޮފް ސޮލިއުޝަންސް އައިޝަތު ނަޔާޝީން އަހުމަދާއި ޔޫއެންޑީޕީގެ ލީގަލް ކައުންސެލް، ދިރާގު ސަސްޓެއިނަބިލިޓީ މެނޭޖަރު ހައްވާ ރީނާ ޕެނަލިސްޓުންގެ ގޮތުގައި ބަައިވެރިވެވަޑައިގަތެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަންގެ ބޭނުންކޮށްގެން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ދިރާގުން ބޭނުންވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ޕްލެޓްފޯމްތައް އިތުރުކޮށްގެން މުޖުތަމައުއަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ.

ދިރާގުން ބުނީ އެ ޕެނަލް ޑިސްކަޝަންގައި ޓެކްނޮލޮޖީ ދާއިރާ ކުރިއަށް ގެންދިއުމުގައި ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމުގައި ޑިޖިޓަލް އިނޮވޭޝަންގެ މުހިންމުކަމާއި އީޖާދީ ގޮތްތައް ބޭނުންކޮށްގެން ސަރުކާރާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.