ރޯދަމަސް

ކުރުވާހަކަ: އެހަނދާންތައް...

މަރިޔަމް ޝަހުދާ

14 ވިލޭރޭގެ ހަނދުގެ އަލިން މުޅި މާހައުލަށް ފެތުރިފައިވަނީ ރިހި ކުލައެއްގެ އައްޔެކެވެ. ރިހި ދޮންވެލިގަނޑު މަތީ ހަމަޖެހިލައިގެން މާޝާ އިނީ ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ ހިތްފަސޭހަ މަންޒަރު ބަލާށެވެ.

އިރުކޮޅުކޮޅުން އަތުގައި އޮތް ފޯނުން މާޝާ ގަޑި ބަލަމުން ދިޔަގޮތުން އޭނާ މީހަކަށް އިންތިޒާރުކުރަނީކަން އެނގެއެވެ. އިންތިޒާރުގައި އިން މާޝާއަށް މާޔޫސްކަމާ ކުރިމަތިވީ ހަނދުވަރުގެ އަލި ފަނޑުވާން ފެށުމުންނެވެ. އިސްއުފުލައި މައްޗަށް ބަލައިލިއިރު ބޯ ވިލާތަކުން މަޑުމަޑުން ހަނދު ފޮރުވާލަނީއެވެ. ހަނދުވަރުގެ އަލިކަން ފަނޑުވަމުން ދިޔަދިޔަހެން ހީވީ ދެންމެ ދެންމެ ބޯކޮށް ވާރޭ ވެހިގަނެދާނެހެނެވެ.

މަޑުމަޑުން ތެދުވެ އެއްގަމާ ދިމާއަށް މާޝާ ހިނގައިގަތީ ވާރޭވެހެން ފެށުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. ލަސް ފިޔަވަޅުތަކަކާއެކު ހިނގާފައި ދިޔައީ އޭނާ އެމީހަކަށް އިންތިޒާރުކުރަން އިން އޭނާގެ ލޯބިވެރިޔާ، އިގުބާލު އަދިވެސް އަންނާނެކަމުގެ އުއްމީދުގައެވެ. ފޯނު ނަގައި އިގްބާލަށް ގުޅީ އޭނާ އާދޭތޯ ބެލުމަށެވެ. ލަސްވުމުން އެކަމާ ޝަކުވާ ކުރުމަށެވެ.

ދެފަހަރަކު މާޝާ ގުޅުމުން އިގްބާލް އޭނާގެ ނަމްބަރު ބިޒީ ކޮށްލިއެވެ. ތިންވަނަ ފަހަރަށް އިގްބާލަށް ގުޅި އިރު އޭނާގެ ފޯނު އޮތީ ނިއްވާލައިފައެވެ. މާޔޫސް ހިތަކާއެކު މާޝާ އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ވާރޭ ވެހުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. އިގުބާލުވެސް ނާންނާނެކަން ޔަގީން ވީމައެވެ.

************

''ދޮންތާ! ބައްޕަ އުޅުނު ނުގުޅިގެން. ކޮންތާކަށް ގޮސްފަ ތިއައީ؟''

މާޝާ ގެއަށް ވަނުމާއެކު އޭނާ ގެއަށް ނައިސް ލަސްވެގެން ހުރި ހުދާ ދުވެފައި ކަހަލަ ގޮތަކަށް އައިސް އޭނާގެ އަތުގައި ހިފައިގަތެވެ.

''ބައްޕަ ބުނީ ދޮންތައަށް ނުގުޅެއޭ. ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން. ބުނި ދޮންތަ ގެއަށް އައިމަ ގުޅާށޭ.''

''ދޮންތަ އެބަ އަންނަން ހެދުން ބަދަލުކޮށްގެން. ވާރޭ ވެހުނީމަ ކުޑަކޮށް ތެމިފަ. ވާރޭގަ ޖެހުނީމަ ފޯނު ނުނެގީވެސް. ބައްޕައަށް ގުޅާފަ ބުނެބަލަ ދޮންތަ ގޭގައޭ މިހާރު.''

މާޝާ އަވަހަށް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ބައްޕަ އައުމުގެ ކުރިން ވާރެއާ ތެމިފައިވާ ހެދުން ބަދަލު ކުރުމަށް ފަހު އަދިވެސް އިގްބާލަށް ގުޅޭތޯ މަސައްކަތް ކުރުމަށެވެ. ކޮޓަރިއަށް ވަދެ އަވަސް އަވަހަށް ހެދުން ބަދަލުކޮށްލުމަށް ފަހު އެނދުގައި މާޝާ ހަމަޖެހިލީ ފޯނު ހިފައިގެންނެވެ. އަނެއްކާވެސް އިގުބާލަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.

އިގްބާލުގެ ނަމްބަރު ބިޒީވާ ކޮންމެ ފަހަރަކު މާޝާގެ މާޔޫސީކަން ދިޔައީ އިތުރުވަމުންނެވެ. މުޅިން އެ މަސައްކަތަށް ގެއްލިފައި އިން މާޝާއަށް އޭނާ ދޮރުގައި މީހަކު ޓަކި ޖަހަން ފެށުމުން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ތެދުވެ ހަމަޖެހިލަމުން ދޮރާ ދިމާއަށް ހިނގައިގަތްވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. ފޯނަށް އައި މެސެޖު ބަލަން އުޅެފައިވެސް މާޝާ ދޮރާ ދިމާއަށް ދިޔައީ އަނެއްކާވެސް ދޮރުގައި ޓަކި ޖެހުމުންނެވެ.

''ބައްޕަ އައިސްފި. މަންމަ ބުނީ އެކޮޓަރިއަށް ދޭބަލާށޭ. ކީއްކުރަން ކަމެއް ނޭނގެ. ދޮންތަ ކަމެއް ކުރީތަ އަނެއްކާ؟''

ހުދާގެ ސުވާލާއެކު މާޝާ ހާސްވިއެވެ. އޭނާ އިގުބާލާ ލޯބީގެ ގޮތުން ގުޅިގެން އަހަރެއް ވީއިރުވެސް އޭނާގެ އަދި އިގުބާލުގެ އާއިލާއަށް އެކަމެއް ނާންގައެވެ. މަންމަމެންނަށް އެކަން އެނގިއްޖެނަމަ އޭނާ ދެކެ ރުޅި އަތުވެދާނެތީ އެކަމާ މާޝާ ދެރަވިއެވެ.

************

''ބައްޕާ... މަންމާ... ކިހިނެއް ވީތޯ؟ އަޅުގަނޑަށް ކަމެއް ކުރެވުނީތޯ؟''

އޭނާގެ މައިންބަފައިންގެ ކޮޓަރިއަށް ވަނުމަށްފަހު މާޝާ މަޑުމަޑުން އެހިއެވެ.

''ނޫނޭ.. ދަރިފުޅަށް ކަމެއް ކުރެވިގެނެއް ނޫން. މަންމަމެން ވާހަކައެއް ދައްކާލަން. އާދެބަލަ މަންމަ ކައިރީ އިށީންނަން.''

މާޝާގެ މަންމަ ހަބީބާ އޭނާއިން އެނދުގެ ކައިރިއަށްވާ ގޮނޑިއާ ދިމާއަށް އިޝާރާތްކޮށްފައި ބުންޏެވެ. މާޝާ މަޑުމަޑުން އައިސް އެގޮނޑީގައި އިށީނުމުން ކުޑަ އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު އޭނާގެ ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.

''ދަރިފުޅު ހަނދާންވޭދޯ ފަރީދުބެ؟ ބައްޕަ ބުނުއްވީމެއްނު ބައްޕަ ބޯޓު ދަތުރު ކުރަން ދިޔައިރުގެ ރަހުމަތްތެރިއެކޭ؟''

ބައްޕަގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލަމުން މާޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ބައްޕަ ދައްކަން އުޅެނީ އިގުބާލުގެ ވާހަކައެއް ނޫންކަން އެނގުމުން އޭނާއަށް ކޮންމެވެސް ވަރެއްހެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ކުޑަ ވަގުތުކޮޅަކަށެވެ.

''ހަނދާންވެއެއްނު ފަރީދުބެ މިއާއިލާއަށް އެކި ފަހަރު މަތިން ވަރަށް އެހީވިކަން. ހާއްސަކޮށް މާމަ ބަލި އެނދުގައި އޮތްއިރު... ފަރީދުބެގެ ދޮށީ ދަރިފުޅާ ދަރިފުޅު ކައިވެނި ކުރުވަން ފަރީދުބެ އެދިގެން އެވާހަކަ ބައްޕަ ދައްކަން މިއުޅެނީ. ދަރިފުޅުގެ ނުގަބޫލުގަ އެއްވެސް ކަމެއް ނުވާނެ. އެކަމަކު މަންމައާއި ބައްޕަވެސް ބޭނުންވާކަމެއްގެ ވާހަކަ މިދައްކަނީ... ބައްޕަ ބޭނުން ދަރިފުޅު މިކަމާ ވިސްނާލަން... ވިސްނާލާފަ ޖަވާބެއްދީ..''

ބައްޕަގެ ވާހަކަތަކާއެކު މާޝާގެ ހިތް މަރުވި ކަހަލައެވެ. އޭނާއަކީ އޭނާގެ މައިންބަފައިން އެދުނު ކަމަކަށް ދުވަހަކުވެސް ދެކޮޅު ހެދި ކުއްޖެއް ނޫނެވެ. މަޑުމަޑުން ތެދުވެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތީ އެކަމާ ވިސްނާލަން ބޭނުންވާކަމަށް ބުނެފައެވެ.

ކޮޓަރިއަށް ދެވުމާއެކު ދުވެފައި ގޮސް މާޝާ އޭނާގެ ފޯނު ނެގިއެވެ. ވީއެންމެ އަވަހަކަށް އޭނާ ބޭނުންވީ އިގުބާލާ ބައްދަލު ކުރާށެވެ. ފޯނު ހުޅުވާލުމާއެކު އިގްބާލުގެ މެސެޖެއް ލިބިފައިވާކަން އެނގުނެވެ. އަވަސް އަވަހަށް އޭނާ މެސެޖު ހުޅުވާލިއެވެ.

''ނޫން.....''

މާޝާ އަށް މަޑުމަޑުން ބުނެވުނެވެ. އޭނާގެ އަތުން ދޫވި ފޯނު އަނެއްޖާވެސް ނެގުމަށް ފަހު އޭނައަށް މެސެޖު ކިޔުނީ ރަނގަޅަށްތޯ ބެލިއެވެ. އެވަރުުން ހިތްހަމަ ނުޖެހިގެން މާޝާ އިގުބާލަށް ގުޅަން އަނެއްކާވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިގްބާލަށް ނުގުޅުމުން މަޑުމަޑުން އެހުރި ދިމާ ބިންމަތީގައި އިށީނެވެ. އެވަގުތު އޭނާއަށް ރޯކަށްވެސް ނޭނގުނެވެ. ލޯބިވާ ބައިވެރިޔާ އޭނާ ދޫކޮށްލީ އެންމެ މެސެޖަކުންނެވެ. ކުޑަ މިނުން އެފަދަ ނިންމުމެއް ނިންމި ސަބަބެއްވެސް ބުނެލީއެއް ނޫނެވެ.

މާޝާ ކުއްލިއަކަށް ތެދުވިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައިގޮސް އޭނާގެ މަންމަގެ ކޮޓަރީގައި ޓަކި ދިނެވެ.

''މަންމަ ހީކުރީ ދަރިފުޅު ނިދީކަމަށް..''

ދޮރު ހުޅުވަމުން ހަބީބާ ބުނެލިއެވެ.

''މަންމާ... ފަރީދުބެގެ ދަރިފުޅާ އިންނަން އަޅުގަނޑު ގަބޫލު...''

ފުން ނޭވައެއް ބޭރުކޮށްލަމުން މާޝާ ބުނެލިއެވެ.

************

*ފަސް އަހަރުފަސް*

''މަންމާ! މަންމާ! ބައްޕަ ނުތެދުވިއޭ. މަންމަ އާދެބަލަ ބައްޕައަށް ގޮވަން''

ކުޑަކުޑަ އީނާޝް ހިތްހަމަ ނުޖެހިފައި އައިސް މާޝާގެ ފައިގައި ބައްދާލިއެވެ. އޭނާގެ ބުމަ ދެގޮށް ޖަހާލައި ރުޅި މޫނު ހަދާލައިގެން ހުރީ ހިތްހަމަ ނުޖެހޭކަން ދައްކައިލަމުންނެވެ.

ދޮންނަށް ހުރި ތަށިތައް ބެހެއްޓުމަށްފަހު ކުޑަ ތުވާލިކޮޅަކުން އަތް ފޮލެހުމަށްފަހު މާޝާ އޭނާގެ ދަރިފުޅު އުރާލިއެވެ. ދަރިފުޅުގެ ކޮލަށް ބޮސްދެމުން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިނިއައިސްފައި ހުރެއެވެ. އެ ކުޑަ ދަރިފުޅުގެ މޫނުމަތިން ފެންނަ މައުސޫމު ކަމުގެ ސަބަބުން ރުޅިއަންނަ ކަމަށް ދެއްކި ނަމަވެސް އެދަރިފުޅު ލޯބިކަމުންނެވެ.

ދެމައިން ކޮޓަރިއަށް ވަނުމަށްފަހު މާޝާ އޭނާގެ ދަރިފުޅު އެނދުގައި ބެހެއްޓިއެވެ. އަދި ކޮޓަރީގެ ދޮރުފޮތި ކަހާލުމަށްފަހު ކުޑަދޮރު ހުޅުވަލިއެވެ. މަޑުމަޑުން އައިސް އެނދުގައިވާ ރަޖާގަނޑު ދަމާލީ އޭނާގެ ލޯބިވާ ފިރިމީހާ ހޭލައްވާލުމުގެ މަގްސަދުގައެވެ. އެވަގުތު ފަހަތުން އައިސް އޭނާ ކަންފަތް ބުޑުގައި މީހަކު ހަޅޭއްލަވައިގަތެވެ.

ސިހިފައި މާޝާއަށް ހަޅޭއްލަވައިގަނެވުނެވެ. ފިރިމީހާ އިގްބާލާއި ދަރިފުޅު އީނާޝަށް ރުޅިއަންނަ ކަމަށް ދައްކަމުން ލޯބިން ބަލައިލެވުނީ ދެބަފައިން އެކީ އޭނާ ސިއްސުވާލަން ކުރި މަސައްކަތުން ހޭން ތިބި ގޮތުންނެވެ. އޭނާގެ އުފާވެރި އާއިލާ ފެނިފައި އޭނާއަށް ކުރީގެ ހަނދާންތައް އާވިއެވެ.

**************

އިގްބާލަކީ ފަރީދުބެގެ ދޮށީދަރިއެވެ. ދެމީހުން ގުޅިގެން އުޅުނީ އެކަން ނޭނގިއެވެ. ފަރީދުބެ ބަލިއެނދުގައި އޮވެ އޭނާގެ ރަހުމަތްތެރިއެއްގެ ދަރިފުޅާ ކައިވެނިކުރަން އެދުމުން އިގްބާލަށް ބައްޕަގެ ބަހާދެކޮޅު ހަދާކަށް ނުކެރުނެވެ. މާޝާއަށް އޭނާ އެދުވަހު ވަކިވުމަށް އެދި މެސެޖު ކުރީ ބައްޕަގެ އެދުމުގައި ކޮޅުފައިން ނުޖެހުމަށެވެ.

ދެމީހުންވެސް ހިތާ ދެކޮޅަށް ކައިވެންޏަށް އެއްބަސްވުމުން ކައިވެނީގެ ކުރިން އިންނަން އުޅެނީ ކާކާތޯ ބެލުމަށް މަސައްކަތެއް ނުކުރެއެވެ. ކައިވެންޏަށް ރަންކީ ދުވަހަކީ ދެމީހުންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. މައިންބަފައިންގެ އެދުމަށް އާއެކޭ ބުނި ނަމަވެސް ދެމީހުންނަށް އެމީހުންގެ ލޯބި ކާމިޔާބު ކުރެވުނެވެ. ނުލިބޭނެ ކަމަށް ހީކުރެވުނު މައިންބަފައިންގެ ރުހުމާއެކު އެވެ.