ޚަބަރު

ނަޝީދަށް ޗައިނާގެ ރައްދު: މަޝްރޫއުތައް ހިންގަނީ ރާއްޖެއިން އެދިގެން

ރާއްޖޭގައި ޗައިނާއިން ހިންގާ ހުރިހާ މަޝްރޫއެއްވެސް ހިންގަނީ އެކަމަށް ރާއްޖެއިން އެދުމުން ކަމަށް އެ ގައުމުން ބުނެފިއެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން، އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ، ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ ފެއިލްވާ ގޮތަށް ޕްލޭންކޮށްގެން ހިންގާ މަޝްރޫތަކެއް ކަމަށާއި ޗައިނާގެ ދަރަނީގެ ދަންތުރައިން ރާއްޖެ ދުވަހަކުވެސް ސަލާމަތްނުވާނެ ކަމަށް ވިދާޅުވެ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޗައިނާ ސަފީރު ވޭންގް ލިޒިން، މީޑިއާތަކާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ޗައިނާ އިން ރާއްޖޭގައި މަޝްރޫއުތައް ހިންގަނީ އެ ގައުމުގެ އަމިއްލަ މަންފާއެއް ނުވަތަ ބޭނުމެއް އޮވެގެން ނޫން ކަމަށެވެ.

ސަފީރު ވިދާޅުވީ، ޗައިނާގެ ލޯނުގެ ދަންތުރައިގެ ވާހަކައަކީ އެ ގައުމާ ދެކޮޅު މީހުން ދައްކާ ވާހަކައެއް ކަމަށާއި އެކަން ދިވެހިން ގަބޫލުނުކުރާނެ ކަމަށެވެ.

"ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޗައިނާއިން ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ ޝަރުތުތައްވެސް ކަނޑައަޅަނީ ދިވެހި ސަރުކާރުން ކަމަށާއި ޗައިނާގެ ދައުރަކީ އެ މަޝްރޫއުތަކަށް މާލީ އެހީ ފޯރުކޮށްދިނުމާއި މަޝްރޫއުތައް ހިންގުން ކަމަށެވެ.