''ތިދެން ކޮންކަމެއް؟ މިހާރު ތިން އަހަރުވީއޭ! މަ ކަލެއާ އިނީ ކޮންމެހެން މިހާލުގަ ގަނަ ތެޅޭކަށް ނޫން. ކަލޭދެކެ ލޯބިވާތީއެއްވެސް ނޫން. އަރާމާއި އުފަލުގަ ދިރިއުޅެން ބޭނުންވާތީ! ކަލެއާ ނީނދެ އެހެން ކަމަކާ އުޅެވުނު ނަމަވެސް މަށަށް މާ ހިތް ހަމަޖެހުނީސް''
ފަރީޝާގެ ދެމަފިރިން ދިރިއުޅޭ ކުޑަކުޑަ ކޮޓަރިގަނޑަށް އައިސް ވަނުމާއެކު ފަރީޝާއަށް އަމާޒުވީ ހަސަނުގެ ނަފްރަތުން ފުރިފައިވާ ބަސްތަކެވެ.
''ހަސަން، ހެޔޮނުވާނެ ދަރިން ކުރިމަތީ ތިހެން ޒުވާބު ކުރަން. މިކުދިންނަށް ދަސްވާނީ...''
ފަރީޝާއަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހަސަން އޭނާގެ މޫނުގައި ބާރަށްޖެހި އެވެ. އަދި އޭނާ ދިގު އިސްތަށިގަނޑު އަތަށް މަހާލުމަށްފަހު ވާންކޮށްލިއެވެ. އެވަގުތު އޭނާކައިރީ ހުރި އޭނާގެ ތިން އަހަރަށްދާ ކުޑަކުޑަ ރާއިދު، މަންމައަށް ހެދިގޮތް ފެނުމުން ބިރުން ރޯން ފެށިއެވެ. ރާއިދުގެ އަޑަށް ފަރީޝާގެ އަތުތެރޭ ނިދާފައި އޮތް ހަމަހުގެ ރައިޝާއަށް ވެސް ހޭލެވުމުން އެކުއްޖާ ވެސް ރޯންފެށިއެވެ.
ދެކުދިންގެ ރުއިމުގެ އަޑާއެކު ހަސަނުގެ ރުޅިގަނޑު އިތުރަށް ބޮޑުވިއެވެ. އަދި ގައި ހުރި ބާރެއްލާފައި ފަރީޝާގައިގައި ޖެހުމަށްފަހު އޭނާ ކޮޓަރީގެ މޭޒާއި ދިމާއަށް ކޮއްޕައިލިއެވެ. ފަރީޝާއާއެކު ދެމީހުންގެ ކުޑަ ދަރިފުޅު ވެއްޓެއް ދިޔައިރުވެސް ހަސަނުގެ މޫނުން ރަހުމުގެ ކަންފުޅެއްވެސް ނުފެނުނެވެ. ފޫހި ގޮތެއް މޫނަށް ހެދުމަށް ފަހު އޭނާ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ.
''މަންމާ. ކޮއްކޮ އައްދޮތަ؟ މަންމަ އައްދޮވިތަ؟''
ހަސަނު ދިއުމާއެކު ބިރުން ދުރުގައި ހުރި ރާއިދު ދުވެފައި އައިސް ފަރީޝާ ގައިގައި ބައްދާލަމުން އަހާލިއެވެ. ގައިގައި ކިތަންމެ ވޭނެއް އެޅިއެއްކަމަކު ފަރީޝާ ހިނިތުންވެލީ ރާއިދު ހިތްހަމަ ޖައްސައިލުމަށެވެ. އަދި މަޑުމަޑުން ތެދުވެ އެނދުގައި އިށީންނަމުން ރާއިދު ގެނެސް ކައިރީގައި ބޭންދިއެވެ. އަދި ރައިޝާ މަސަލަސް ކުރެވޭތޯ މަސައްކަތްފެށިއެވެ.
އޭނާ ކިތަންމެ ބޭނުން ނޫނަސް ހިތްވަރު ކުރަން އެބަޖެހެއެވެ ދަރިންނަށްޓަކައެވެ. އޭނާގެ މިހާލަކީ ހުދު އޭނާގެ އަމިއްލަ ނިންމުންތަކުން ޖެހިފައިވާ ހާލުކަމަށް ފަރީޝާ ގަބޫލު ކުރެއެވެ.
--------
އިރުއޮއްސި މަޣުރިބު ނަމާދަށް ބަންގި ގޮވި އިރު ފަރީޝާ އުޅުނީ އަވަދިނެތި އޭނާގެ ދެދަރިންނަށް ކާން ދިިނުމުގައެވެ. ދަރިންގެ ކަންކަމައިގެން އުޅެގެން އޭނާއަށް ނަމާދު ކުރެވުނީވެސް ކިރިޔަކިރިޔާއެވެ. ދެކުދިން ނިންދެވުމަށްފަހު ފަރީޝާގެ ދެމަފިރިންނާއި ކުދިން އުޅޭ ކޮޓަރި ސާފުރުކުމުގެ މަސައްކަތް ފަރީޝާ ފެށިއެވެ. އަވަސް ހަރަކާތްތަކާއެކު މަސައްކަތް ނިންމާލައި ހަމަޖެހިލީ އާންމުކޮށް ހަސަނު ގެއަށް އަންނަ ގަޑިއަށް ނައުމުންނެވެ.
ހަސަނު އާންމުކޮށްގެއަށް އަންނަ ގަޑީ ގެއައް ނާންނަނަމަ ދެން އެރެއަކު އޭނާ ގެއަކަށް ނާންނާނެއެވެ. އެއް އިރެއްގައި ހަސަނު ގެއަށް ނައިސްގެން ނުނިދިގެން އުޅުނު ނަމަވެސް މިހާރު ހަސަނު ގެއަށް ނާންނަނަމަ ފަރީޝާއަށް ލިބެނީ ހިތްހަމަޖެހުމެވެ. ކުރިން ހަސަނުދެކެ ކިތަންމެ ލޯބި ވިއެއްކަމަކު، އޭނާގެ މަކަރުވެރި ރޭވުންތަކާއި، ދަރިންނާ ދޭތެރޭ ގެންގުޅޭ ރަހުމެއް ކުލުނެތް ނެތް އަމަލުތަކުން އޭނާ ވަނީ ހަސަނު މަތިން ފޫހިވެފައެވެ. ހަސަނު ގެއަށް ވަނިއްޔާ އޭނާއަށް އަނިޔާ ކުރުމީ ހަސަނު އަދާކުރަންޖެހޭ ވާޖިބެއް ފަދައެވެ. ދަރިންނާ ދިމާއަށް އެންމެ ފަހުން ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލި ދުވަހެއްވެސް ފަރީޝާ ހަނދާނެއް ނެތެވެ.
އޭނާގެ ހަނދާނުގައި އެނބުރެމުން ދިޔައީ އޭނާގެ އުފާވެރި އާއިލާއެވެ. އެންމެން އޭނާދެކެ ލޯބިވީ މިންވަރެވެ. އޭނާ ކަމަކަށް އެދިއްޖެ ނަމަ މަންމަ އާއި ބައްޕަ އެކަމަށް ހުއްދަ ނުދިން ނަމަވެސް އޭނާގެ ދޮށްޓަށް ތިބޭ ތިން ބޭބެ ކޮންމެވެސް މޮޅުކަމެއް ކޮށްގެން އޭނާ ހައްލައެވެ. ގައިމު ހަސަނުދެކެ ލޯބި ނުވެވުނު ނަމަ އޭނާއަށް މިހާލެއް ނުޖެހުނީހެވެ. މަޑުމަޑުން އޭނާ މާޒީގެ ތެރެއަށް ގެނބެމުން ދިޔައެވެ.
********
މައްޗަންގޯޅި ޗަނބޭލީމާގޭގައި މަސައްކަތް ކުރުމަށް ހަސަނު ގެނައީ ފަރީޝާ ސްކޫލްގައި އުޅުނު ދުވަސްވަރެވެ. ހަސަނަކީ ފަރީޝާ ބައްޕަގެ އެކުވެރިޔަކު އެދިގެން އެގެއަށް ގެނައި ކުއްޖެކެވެ. ބަލާބެލުމަށް މަޑުމައިތިރި އަދި މަސައްކަތަށް ފަރުވާތެރި ހީވާގި ޒުވާނެކެވެ. އަބަދުމެ ގޭތެރެއިން ފެނުނު ކަމުގައި ވިޔަސް ފަރީޝާ ދުވަހަކުވެސް ހަސަނަކާ ވާހަކައެއް ނުދައްކައެވެ. ދެމީހުން އަލަށްވެސް ވާހަކަ ދެއްކީ ފަރީޝާ އެންމެ ފަހު އިމްތިހާނަށް ތައްޔާރުވަމުން އައި ދުވަސްވަރުއެވެ. އޭރު ދަންވަރުގެ އެތައް ގަޑިއެއް ކިޔެވުމަށް ހުސްކުރި ފަރީޝާއަށް އަބަދުމެ ކޮފީ ގެނެސްދިނުން ފަދަ ކަންކަން ކުރުމުގައި ހަސަނު އަވަދިނެތި އުޅުނެވެ.
އެދުވަސްވަރު ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދި، އެ އެކުވެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވުމުން ފުރަތަމަ ފަރީޝާ ނިންމީ އެކަމާ ދުރުވާށެވެ. ނަމަވެސް ހަސަނުގެ އެތައް އާދޭހާއެކު އޭނާ ހަސަނާ ގުޅުނީ މަންމަމެން އެންމެން ގަބޫލު ވާނެ ކަމަށް ހިތައެވެ. ފަރީޝާ އެދޭ ކަމަކާ މަންމަ އާއި ބައްޕަ ދުވަހަކުވެސް ދެކޮޅު ހަދާފައި ނުވުމުން ފަރީޝާ ގަބޫލުކުރީ ހަސަނާ ކައިވެނި ކުރަން ވެސް އޭނާގެ މައިންބަފައިން ރުހޭނެ ކަމަށެވެ.
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ މީހުން ބުނަނީ ވަކި ސަބަބެއް ނެތިއެއް ނޫނެވެ. ފަރީޝާ ހަސަނުގެ ލޯބީގައި ޖެހިފައިވާވަރުން އޭނާގެ ކިބައިގައިވާ ނުރަނގަޅު އެއްވެސް ސިފައެއް ދެނެއެއް ނުގަނެވުނެވެ. ނަމަވެސް އޭނާގެ އާއިލާއަށް އެކަން ފާހަގަވިއެވެ. ހަސަނު ކިތަންމެ ހީވާގި ކަމާއެކު މަސައްކަތް ކުރިނަމަވެސް އޭނާގެ ބޮޑާކަމަކީ އެމީހުން ނުރުހުނު ކަމެކެވެ. ގޭގައި އޭނާއާއެކު މަސައްކަތް ކުރާ އެހެން މީހުންނާމެދު ކަންކުރާ ގޮތަކީވެސް ފަރީޝާގެ އާއިލާއަށް ހަސްނު ކަމުނުދާ އެއް ސަބަބެވެ. އެހާދުވަހު ހަސަނު އެގޭގައި ހުރީވެސް ރައްޓެއްސަކު އެދިގެން ކުރި ކަމަކަށް ވީތީއެވެ.
ފަރީޝާ ހަސަނާ އިންނަން ބޭނުންވާ ކަމަށް އޭނާގެ އާއިލާކައިރީ ބުނި ދުވަހަކީ ޗަނބޭލީގެއަށް ބޮޑު ތުފާނެއް އައި ދުވަހެކެވެ. ވަގުތުން ހަސަނު ވަޒީފާއިން ވަކި ކުރުމަށް ފަހު އޭނާ އެހެން ގެއަކަށް ފޮނުވާލީ ދުވަހަކުވެސް ފަރީޝާއާ ބައްދަލު ނުކުރުމަށް އަމުރުކޮށްފައެވެ. ފަރީޝާ ގަދަ ހެދީ އޭނާ ބޭނުން ކަމެއް އަބަދުމެ ކޮށްދޭއިރު ދެންވެސް ކަންވާނީ އޭނާ އެދޭގޮތަށް ކަމަށް ދެކޭތީއެވެ. އާދައިގެ މަތިން އޭނާ ބޭނުން ގޮތެއް ނުވަނީސް ނުކާނެ ކަމަށް ބުނެ ގަދަ ހެދީ މިހާތަނަށް އޭނާ ގަދަ ހެދުމުން އާއިލާއިން ދެކޮޅު ހަދާފައި ނެތުމުންނެވެ.
ކަންވީވެސް އޭނާ ބޭނުންވި ގޮތަށެވެ. ބައްޕައާއި ބޭބެމެން ގޮތުގައި ހިފެހެއްޓިނަމަވެސް ފަރީޝާގެ މަންމައަށް އޭނާގެ ހާލު ދެކޭކަށް ކެތެއް ނުވިއެވެ. ގޭގެ އެންމެން ނިދާފައި ތިބި ވަގުތެއްގައި ފަރީޝާ ހަސަނާއެކު ގެއިން ފިލައިގެން ހަސަނުގެ ރަށަށް ފުރީ ކައިވެނިކޮށްގެން އެނބުރި މާލެ އަންނަ ގޮތަށެވެ. ކައިވެނި ކުރުމުން އާއިލާގެ އެންމެން އޭނާގެ ނިންމުން ގަބޫލު ކުރާނެކަމަށް ނިންމައިގެންނެވެ.
ނަމަވެސް ކަންވީ އޭނާ އެންމެ ހީނުކުރި ގޮތަށެވެ. ފަރީޝާ މާލެ އައުމުން އޭނާގެ އަމިއްލަ ގެއަށް ވަނުމުގެ ހުއްދަ ނުދިންތާ އޭނާގެ އާއިލާއިން އޭނާގެ މޫނު ފެންނަ ހިސާބަށް އަންނަންވެސް ބޭނުމެއް ނުވި އެވެ. މަންމަވެސް ބައްޕައާއި ބޭބެ ރުއްސަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. މަންމަ ކައިރީ ނެތް ނަމަވެސް އޭނާ އުފަލުގައި ހުރުމަށް އެދި ދުއާ ކުރާ ކަމަށް ބުނެ ލިޔުނު ސިޓީ އަކީ މުޅި އާއިލާއިން މީހަކު އޭނާއާ ވާހަކަ ދައްކަން ކުރި ހަމައެކަނި މަސައްކަތެވެ.
އާއިލާ ނުގަބޫލު ވިޔަސް ހަސަނު އޭނަދެކެ ލޯބިވާކަމުގައި ވާ ނަމަ ދިރިއުޅުން ހަމަޖެހޭނެކަމަށް އޭނާ ބެލިއެވެ. ނަމަވެސް އެކަމުންވެސް ދިމާވީ ހިތްދަތިކަމެވެ. ފުރަތަމަ ދުވަސްކޮޅު ހަސަނު ކިތައްމެ ރަނގަޅު ނަމަވެސް އޭނާ މަޑުމަޑުން ފަރީޝާ އަށް އަނިޔާ ކުރަން ފެށީ އޭނާ ބޭނުން ކޮންމެ ކަމެއް ނުވުމުންނެވެ.
އެންމެ ފަހުން ފަރީޝާއާއި ކައިވެނި ކުރީ ލޯބިން ނޫންކަމަށާއި، ނަމަވެސް ފަރީޝާގެ އާއިލާގެ މުއްސަނދިކަމުގައިކަން އެނގުމުން ފަރީޝާގެ ހިތް ކުދިކުދިވިއެވެ. ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. ކިތަންމެ ބޭނުން ނަމަވެސް ގެއްލުނު ވަގުތެއް އަނބުރާ ލިބޭކަށް ނެތެވެ. އާއިލާގެ ބަސް ގަބޫލު ކުރެވުނުނަމަ އޭނާއަށް މިއަދު މި ހާލެއް ނުޖެހޭނެއެވެ. ހަސަނު ކައިރިން ކިތަންމެ ވަރިވާން ބޭނުންނަމަވެސް ވަރިވުމަށް ފަހު އޭނާދެން ދާނެ ތަނެއް ނެތެވެ. އާއިލާގެ ލޯބީގައި ކޮޅުފައިން ޖެހުމަށްފަހު ހަސަނާ ކައިވެނިކުރުމުން އަނބުރާ އާއިލާގެ އެހީއަށް އެދި ދިއުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
އާއިލާގެ ރަންދަރިއަށް ވުމުން އޭނާއަށް ލިބުނު އުފަލެއް ނެތެވެ. ދުވަހެއް ދުވަހަކަށް މީހާގެ ގޮތްދޫ ނުކުރުމުގެ އާދަ ގޯސްވަމުންގޮސް މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ އެއާދައިގެ ސަބަބުންނެވެ. އަމިއްލައަށް ވިސްނޭ އުމުރަށް އެޅުމުން ތިމާގެ އެފަދަ އާދަތައް ރަނގަޅު ކުރުމުގެ ބަދަލުގައި އެއީ ފަހުރެއްކަމަށް ދެކުމަކީވެސް ގައިމު ފަރީޝާގެ ދެއަތުން އޭނާގެ ދިރިއުޅުން ފުނޑުފުނޑުވި ސަބަބެވެ.