ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ކަމަދޫ ބްރާންޗުން ކަރަންޓް ބިލު ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާ އިރު، ބިލުތަކުގެ ޖުމުލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކަމަދޫ، ފެނަކަ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އާއިޝަތު ސަމިއްޔާގެ މައްޗަށް ކަމަށެވެ. ސަމިއްޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެ ފަރާތުގެ ވާޖިބު އަދާކުރުމުގައި، އެ ފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އަދި ވަނީ "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ވެސް ކޮށްދިނުމަށް އެދި ފޮނުވާފައި ކަމަށް އޭސީސީން ބުންޏެވެ.
"2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް އާއިޝަތު ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމުލަ 375،405.52 ރުފިޔާ ނަގައި އެ ފައިސާ ބޭނުން ކޮށްފައިވެއެވެ..،" އޭސީސީން ބުންޏެވެ.
އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމަށް ވެސް ފެނަކައަށް އެންގުމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ.