ޚަބަރު

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ހޮސްޕިޓަލުތަކުގެ ޑިޒައިންތަކަށް ބަދަލު ގެންނަނީ

ފާތިމަތު ލިޔުޝާ

ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގެ އަތޮޅުތަކުގައި އިމާރާތްކޮށްފައި ހުރި ހޮސްޕިޓަލުތަކުގެ ޑިޒައިން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ ސަރުކާރުން އެވޯޑުކޮށްފައި ނުފެށި ހުރި ވަރަށް ގިނަ ޕްރޮޖެކްޓުތަކާއި ޕައިޕްލައިންގައި ހުރި ޕްރޮޖެކްޓުތަކެއް ހުރި ކަމަށެވެ.

ތަރައްގީކުރާ އަތޮޅުތަކުގެ ހޮސްިޕޓަލުތަކުގެ ތެރޭގައި 50 ބެޑެއްގެ ހޮސްޕިޓަލާއި އަދި 30 ބެޑުގެ ހޮސްޕިޓަލު ހިމެނޭ ކަމަށާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް އިތުރުކުރުމަށް ނިންމާފައިވަނީ ސްޓަޑީބޭސްއެއް ހެދުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއިން ކޮންމެ ހޮސްޕިޓަލަކީ ވަަރަށް ބޮޑެތި އަގުތަކެއް. ވަރަށް ފެންސީކޮށް ކުރަހާފައި ހުރި ކުރެހުންތަކެއްގެ ގޮތުގައި ފާހަގަކުރެވެނީ ހޮސްޕިޓަލުތައް. ރައްޔިތުން ބޭނުންވަނީ އެ ހިދުމަތްތައް ގާއިމުކުރުން. އެހެންވީމަ އެ ހިދުމަތް ގާއިމުކުރުމަށް. އެ ހިދުމަތް ގާއިމުކުރުމަށް ސްޓްކްޗަރަލް ބައެއް ބަދަލުތައް އެބަ ގެންނަން އެހެންނަމަވެސް ހިދުމަތަކަށް ބަަދަލެއް ނާންނާނެ،" ހަލީލް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވިދާޅުވީ މިހާރުގެ އަގުތަކަށް ބެލި ނަމަވެސް ގާތްގަނޑަކަށް 50 އެނދުގެ ހޮސްޕިޓަލެއްނަމަ 185 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އަދި 30 އެނދުގެ ހޮސްޕިޓަލެއް ނަމަ 95 މިލިއަނާއި 135 މިލިއަން ރުފިޔާއާ ދޭތެރޭ އަގެއް މަސައްކަތުގެ އަގަށް ދައްކަންޖެހޭ ކަމަށެވެ.

"އެހެންވީމަ އެ އަގުތަކަށް ވަރަށް ބޮޑު ބަދަލުތަކެއް އެބައާދޭ ޑިޒައިނަށް ގެންނަ ބަދަލުތަކަކުން. އެހެންވީމަ ދައުލަތަށް ހަރަދު ކުޑަވާގޮތަށް ހަމައެއާއެކު ރައްޔިތުންނަށް، ރައްޔިތުން ބޭނުންވާ ހިދުމަތް ގާއިމުކުރުމަށް. އަޅުގަނޑުމެން މިހާރު ފަރުމާކުރާ ޑިޒައިންގެ މަސައްކަތްތައް ފަރުމާކުރުމަށް މަސައްކަތްތައް ކުރިއަށް އެބަގެންދަން،" ހަލީލް ވިދާޅުވިއެވެ.

މިިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރެވޭ މިންވަރަކަށް ގިނަ ތަންތަނުގައި ރައްޔިތުން ބެނުންވާ ހިދުމަތްތައް ގާއިމުކުރުމަށް އިންފްރާސްރަކްޗާ ގާއިމުކުރަން ސަރުކާރަށް ފުރުސަތުތައް ލިބިގެންދާ ކަމަށާއި ރީ ޑިޒައިން ކުރުމުގެ މަސައްކަތްތައްވެސް މިހާރު ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.