ޚަބަރު

ދަރިފުޅުގެ ގައިގައި ޖެހި މީހަކު ރުޅި މައިތިރިކުރަން ކައުންސިލިން ހޯދަން ކޯޓުން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ދަރިފުޅުގެ ގައިގައި ޖެހި މީހަކު، ރުޅި މައިތިރިކުރަން 40 ގަޑިއިރުގެ ކައުންސިލިން ހޯދަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި އެގޮތަށް ކޯޓުން އަމުރު ކޮށްފައިވަނީ ކ. ކާށިދޫ/ މަލަސް، އިބްރާހިމް ސިރާޖުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދެ ދައުވާއެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި ކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ދައުވާއަކީ އޭނާގެ އަންހެނުން ކާށިދޫ/ ދޫރެސް ޝީޒާ މުހައްމަދުގެ ގައިގައި އަތްލުމުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް ކުރި ސަބަބުގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ ސިރާޖު 7 މެއި 2020 ވަަނަ އޭނާގެ އަނބިމީހާ ޝީޒާ ދިރިއުޅޭ ގެއަށް ގޮސް ގަދަކަމުން ޝީޒާގެ ފޯނު ހިފައިގަނެގެން ދާން އުޅުމުން، އެގޭ ސިޑިމަތީގައި އޭނާ ހުއްޓުވަން ޝީޒާ މަސައްކަތްކުރި ވަގުތު ޝީޒާ ކޮށްޕާލުމުން ޝީޒާ އެގޭގެ ސިޑިމައްޗަށް ވެއްޓި އަނިޔާވެފައިވާތީ އާއި އެ ދެ މީހުންނަށް ލިބިފައިވާ ދަރިންގެ ކުރިމަތީގައި އެކި ދުވަސް މަތިން ޝީޒާއަށް އަނިޔާ ކޮށްފައިވާތީއެވެ.

މި ދައުވާއަށް ސިރާޖު ވަނީ އިންކާރުކޮށްފައެވެ.

ކޯޓުގައި ސިރާޖު ބުނެފައި ވަނީ އަންހެނުންނަށް އަނިޔާނުކުރާ ކަމަށެވެ. އަދި އޭރު އަންހެނުން މަސައްކަތް ކުރަމުން ދިޔައީ ކައިވެނީގެ ގޮތުން އިތުރު އެހެން މީހަކާ ގުޅުމަށްޓަކައި ވަރިވާން ކަމަށާއި އެހެންކަމުން އެ ކަމަކީ ދެ ދަރިންގެ ބޮލަށް ސަވާރުވެގެން އޭނާ ކޮށްގެން އުޅޭ ކަމެއް ކަމަށާއި އެކަމަކީ ރާވައިގެން ދުރާލާ ހިންގަމުން އައި ކަމެއް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ހެކިންގެ ހެކިބަހަށް ބަލައި، ގައިގައި އަތްލުމުގެ ކުށުން ސިރާޖު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެކަމުގެ އަދަބެއްގެ ގޮތުން ދެ މަހާއި 21 ދުވަހުގެ މުއްދަތަށް ސިރާޖު ޖަލަށްލުމަށް ކަނޑައަޅައި އޭނާ ތަންފިޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ އެއްމަހާއި 29 ދުވަސް ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ އެ މައްސަލައިގެ ތަހުގީގަށް ބަންދު ކޮށްފައިވާތީ އެ މުއްދަތު ކެނޑުމަށްފަހުގައެވެ.

އޭނާގެ މައްޗަށްކުރި ދެވަނަ ދައުވާއަކީ ދަރިފުޅުގެ ގައިގައި ޖަހައިގެން ކުރި ދައުވާއެކެވެ. އެ ދައުވާއަކީވެސް ގައިގައި އަތްލުމުގެ ދައުވާއެކެވެ.

އެ ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ ސިރާޖު 29 ޖަނަވަރީ 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާގެ އަންހެނުން ޝީޒާ މުހައްމަދާ ހަޑިހުތުރު ބަހުރުވައިން އަޑުގަދަކޮށް ހަޅޭއްލަވައި ޝީޒާގެ އަތުގައި ހިފައިގެން ގަދަކަމުން ބޭރަށްދާން އުޅުމުން އޭނާގެ ދަރިފުޅު ފާތިމަތު ޝިރާ ސިރާޖް އެކަން ހުއްޓުވަން މަަސައްކަތް ކުރުމުން އެ ކުއްޖާ ލައިގެން ހުރި ޓީޝާޓުގައި ހިފައި ދަމައިގަނެ ބުރަކައްޓާ ދިމާލުން ވީދާލާފައިވާތީ އާއި ދަރިފުޅުގެ ބޮލުގެ ވާތްފަރާތާއި ވާތް ފަރާތު ކޯމަތީގައި ދެ ފަހަރަށް ޖަހާފައިވާތީއެވެ.

މި ދައުވާއަށްވެސް އޭނާ އިންކާރު ކުރިއެވެ.

ނަމަވެސް ކްރިިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޕީޖީން އޭނާގެ މައްޗަށް ކުރި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑަަޅާ ކަމަށެވެ.

އަދި ދަރިފުޅުގެ މޫނުމަތީގައި ޖަހައި އޭނާގެ ގައިގައި ސިރާޖު ރުހުމެއް ނެތި އަތްލާފައިވާކަން ސާބިތުވެފައިވާތީ ގައިގައި އަތްލުމުގެ ކުށުން ސިރާޖު ކުށްވެރިވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮޮތުން އެއް މަސް ދުވަހުގެ މުއްދަތަަށް ޖަލަށްލުމަށާއި ރުޅި މައިތިރިކޮށް ރުޅިމަޑުކުރުމާ ގުޅޭ ފަރުވާދިނުމުގެ ހުއްދަ ސަރުކާރުން ލިބިފައިވާ ކައުންސިލަރެއްގެ ފަރާތުން 40 ގަޑިއިރުގެ ކައުންސިލިން ހޯދުމަށް ސިރާޖުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.