ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށާއި ބޭނުންވަނީ ސަރުކާރުން އެކަމަށް ހުއްދަ ދިނުން ކަމަށް އެ ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދިލް ވިދާޅުވީ އައިވީއެފްގެ ހިދުމަތާއެކު ކިޑްނީ ޓްރާންސްޕްލާންޓްގެ ފަރުވާ ރާއްޖޭގައި ފަށަން ބޭނުންވާކަން 20202 ވަނަ އަހަރު ސަރުކާރަށް ހުށަހެޅި ކަމަށެވެ. އަދި އެކަމާބެހޭ ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވި، ލިޔެކިޔުންތައް ސަރުކާރަށް ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ، ޓްރީޓޮޕުން އެކަން ނުފެށި ލަސްވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ޕްރޮސެސްތައް ގާއިމުވެފައި ނެތުމުން ކަމަށެވެ. އަދި ކަމެއް ފެށުމަށް ބޭނުންވާ ގަވާއިދުތައް ހެދިފައި ނެތުމުގެ ސަބަބުން ގެއްލޭ ކޮންމެ ދުވަހަކީ ރާއްޖޭގައި ކިޑްނީ ބަލި ތަހައްމަލުކުރާ ބަލި މީހުންނަށް ގެއްލިގެންދާ ދުވަހެއް ކަމަށެވެ.
"އެކަމުގެ ހުއްދަ ސަރުކާރުން ލިބިއްޖެއްޔާ ކުރިއަށް އޮތް ހަ މަސްތެރޭ ކިޑްނީ ޓްރާންސްޕްލާންޓުގެ ސެޓްއަޕް ފެށޭވަރުވާނެ. އެ ސެޓްއަޕް އެބަހުރި މި ހޮސްޕިޓަލުގައި ގާއިމުކުރެވިފައި... އުންމީދު ކުރަނީ ޓްރީ ޓޮޕް އަދި ސަރުކާރާއެކު މަސައްކަތް ކޮށްގެން ކަންތައްތަކަށް އަލިމަގެއް ފެންނާނެ ކަމަށް،" އާދިލް ވިދާޅުވިއެވެ.