ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ފާތިމަތު ލިޔުޝާ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

މަރުވެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގު، އެމްޑަބްލިޔުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ވަނީ މަރުވެފައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.