ލ. އަތޮޅުގައި ބާއްވާ އަތޮޅުގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގައި 15 ޓީމު ބައިވެރިވެއްޖެއެވެ.
ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ލ. ފޮނަދޫގައި ބާއްވާ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ފަށަން ތާވަލުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފަސްވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. ހާއްސަކޮށް ލ. އަތޮޅުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފޮނަދޫ ފުޓްސަލް ޗެލެންޖުން ވަނީ ވިދާލައިފައެވެ.
މި އަހަރުގެ މުބާރާތްވެސް ލ. އަތޮޅުގެ ޖަމިއްޔާ، ކްލަބް އަދި ވިޔަފާރިތަކަށާއި ލ. އަތޮޅުގައި ހިންގާ ސަރުކާރު އޮފީސްތަކަށް ވަނީ ހުޅުވާލައިފައެވެ. ނަމަވެސް މުބާރާތުގައި ކުޅެވޭނީ ލ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އޭގެ އިތުރުން ޓީމުތައް އިތުރަށް ވަރުގަދަކޮށް، މުބާރާތް ވާދަވެރިކުރުމަށް ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތްވާ ދެ ކުޅުންތެރިޔަކު ޓީމުގައި ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.
ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި ބައިވެރިވެފައިވާ ޓީމުތަކުން 12 ވަނަ ދުވަހުގެ ކުރިން މިހާރު ޓީމު ލިސްޓުތައްވެސް ހުށަހަޅާފައިވާ އިރު، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް މި ފަހަރުވެސް މުބާރާތުންވެސް ފެނިގެންދާނެއެވެ. މުބާރާތުގެ ގުރު ނެގުމަށް މިހާރު ތައްޔާރުވެފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ ތައްޔާރީތައް މިހާރުވެސް ދަނީ ވަމުންނެވެ. މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ވަނީ ނިންމައިފައެވެ.
މިދިޔަ އަހަރު ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި ނެގީ ގޯޅި ސްޕޯޓްސް ކްލަބުންނެވެ. އެއީ ފައިނަލުގައި ކަންމަތި ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.
ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ. "ވަން ސްޕޯޓްސް"އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.