ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސައިފިއެވެ.
އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ވަގުތު ބޮޑުބެ ޗެލެންޖް 2025 ގައި ޓީމުތައް ބައިވެރިކުރުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. ޓީމު ލިސްޓު ހުށަހެޅުމަށް އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.
ބޮޑުބެ ޗެލެންޖް 2025 ގެ މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސައި، ރޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ވަން އޮންލައިން"ގެ އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. "ވަން"ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ "ވަން" މީޑިއާ ގްރޫޕްގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.
މުބާރާތް އިންތިޒާމުކުރާ ބޮޑުބެ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގްރޫޕްގެ އެމްޑީ އަހުމަދު ސައީދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސައީދު ވިދާޅުވީ "ވަން ސްޕޯޓްސް" ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ވަން ސްޕޯޓްސް"އަކީ މިވަގުތުވެސް ރާއްޖޭގައި އެންމެ ރަނގަޅަށް ކުޅިވަރު ކަވަރު ކުރަމުންދާ އެއް ނޫހަށްވެފައި، ނޫހުގެ ކަވަރޭޖަށް އިތުބާރުކުރެވޭތީ ކަމަށެވެ.
ސައީދު ވިދާޅުވީ މުބާރާތުގެ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާއި، މުބާރާތުގައި ވާދަކުރާ ޓީމުތަކުން ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިންވެސް ފެނިގެންދާނެ ކަމަށެވެ.
ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.