ޚަބަރު

ދިއްދުއަށް ނަގޫރޯޅިއެއް އަރައި 6 ގެއެއްގެ ފުރާޅު އެއްލާލައިފި

ފާތިމަތު ލިޔުޝާ

ހއ. ދިއްދުއަށް ރޭ ފަތިހު ކުރި ވިއްސާރާގައި ނަގޫރޯޅިއެއް އަރައި ހަ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލުން ބުނީ، ރޭ ފަތިހު ހަތަރެއް ޖަހާ އެހާކަންހާއިރު ދިއްދޫ ފްލެޓް ސަރަހައްދަށް އެރި ނަގޫރޯޅިއެއްގައި ހަ ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ދިއްދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ވަހީދު މިއަދު ހެނދުނު "ވަން" އަށް ވިދާޅުވީ ހަވަރަކަށް ގޭގެ ފުރާޅި އެއްލާލި ނަމަވެސް ވިއްސާރައިގައި ގާތްގަނޑަކަށް 10 ނުވަތަ 12 ގެއަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ގެތަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ، ގެތަކުގެ ފުރާޅުތައް މަރާމާތުކުރުމަށް ރަށު ރައްޔިތުންނާއި ކައުންސިލުގެ އިތުރުން ފުލުހުން، އާރުޑީސީ، ފެނަކަ، އެމްޓީސީސީގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.