ޝަހީދާ އަބްދުﷲ ސައީދު
ވަޒީފާގެ މާހައުލުގައި، އެކަކުގެ ހައްގު އޮންނަކަން ގަބޫލުކުރާ އިރު އަނެކާގެ ހައްގުގެ މަތިންވެސް ހަނދާންކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ ފަރާތްތަކަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ނައިބު ރައީސް ފައިސަލް ނަސީމު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ އާންމު ދިރިއުޅުމުގައާ، ހާއްސަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ހައްގު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ހައްގުގެ މަތިންވެސް ހަނދާންކުރަންޖެހޭނެ ކަމަށެވެ.
އަދި މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައްކަން ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށް ވިދާޅުވިއެވެ. އަދި ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސްކަތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި، ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަގާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެނިވަޑައިގަންނަވާކަން އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ގައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިގްތިސޯދު ވަރުގަދަކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ގައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުން މުހިންމުކަން އެމަނިކުފާނު ކުރެއްވިއެވެ. އަދި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ގައުމު ތަރައްގީވެ، ކުރިޔަށް ދެވޭނީ ތަފާތު އެކި ގައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ފައިސަލް ނަސީމު އިލްތިމާސް ކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަދުގެ ދިރިއުޅުމުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސް ސޯލިހުއަށް ޝުކުރު އަދާކުރެއްވިއެވެ.