ޚަބަރު

ރެކޯޑް މަސައްކަތްތަކަކާއެކު، 530 ޖަލްސާއަށްފަހު 19 ވަނަ މަޖިލިސް ނިންމާލައިފި

އިބްރާހިމް ޒަކީ

މުޅިން އާ ރެކޯޑަކާއެކު 530 ޖަލްސާއަށްފަހު މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރުގެ މަސައްކަތްތައް މިއަދު ނިންމާލައިފިއެވެ.

އެންމެ ފަހު ޖަލްސާގެ ގޮތުގައި މިއަދު ބޭއްވި ޖަލްސާއަކީ 19 ވަނަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއެވެ.

ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި މި ވޭތުވެދިޔަ 92 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރި މަޖިލީހުގެ ގޮތުގައި ކަމަށެވެ. 28 މެއި 2019 ގައި ފެށުނީއްސުރެ މިއަދާ ހަމައަށް 19 ވަނަ މަޖިލީހުގެ ޖުމުލަ 530 ޖަލްސާ ބާއްވާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މަޖިލިސް ޖަލްސާތަކުގައި ޖުމުލަ 14061 ގަޑިއިރު ހޭދަކުރެވިފައިވޭ، 19 ވަނަ މަޖިލީހުގެ ކޮމިޓީތަކުގެ ޖުމުލަ 3784 ބައްދަލުވުން ބޭއްވިފައިވޭ، 4434 ގަޑިއިރާއި 23 މިނިޓް ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި މެންބަރުން ހޭދަ ކުރައްވާފައިވޭ، މި ދެންނެވި ވަގުތުގެ ތެރޭގައި ޖުމުލަ 178 ބިލާއި 73 ގަރާރާއި ސަރުކާރުން ހުށަހެޅުއްވި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްްސަލަ އާއި މެންބަރުން ހުށަހެޅުއްވި 48 މައްސަލަ އާއި އެކި މައްސަލަތަކާ ގުޅޭ 153 ރިޕޯޓް، އަދި ވަޒީރުންނާ ކުރެވުނު 384 ސުވާލުގެ މަސައްކަތް މިވަނީ އެއްކޮށް ނިންމާފައި،" އަސްލަމް ވިދާޅުވިއެވެ.

މިއަދު 19 ވަނަ މަޖިލިސް ނިންމާލާފައިވަނީ 92.95 ޕަސެންޓް މަސައްކަތް ހާސިލުކުރުމަށްފަހުގައެވެ.

އަސްލަމް ވިދާޅުވީ 19 ވަނަ މަޖިލީހުން މުހިންމު ބިލުތަކެއް ފާސްކޮށް ގާނޫނުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބިލުތައް އަސްލަމް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުވަތަ އެ ހިދުމަތްތަަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނޭ މަގުފަހިކޮށްދިނުމަށް މެންބަރުން ގިނަ ގަރާރުތަކަކާއި ކުއްލި މައްސަލަތަކެއް ހުހަޅުއްވައި ފާސްކުރެއްވިކަން ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލުކުރުމަށާއި ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބިލުތައް ހުށަހަޅުއްވި ކަމަށާއި ކައުންސިލުތައް ބާރުވެރި ކުރުމަށާއި، ކުދި ވިޔަފާރިތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭގޮތުން ގަރާރުތަކާއި މައްސަލަަތައް މެންބަރުން ހުށަހެޅުއްވިކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާއެކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ރާއްޖެ ހަމަ މަގަށް އަޅުވަން މަޖިލީހުން ކުރި މަސައްކަތްތަކާއި، އެކަމުން އަރައިގަތުމަށް ކުރި މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

އަސްލަމް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހޮއްވަވައިދެއްވި ކަމަށްޓަަކައި އައްޑޫގެ ރައްޔިތުންނަށާއި، އަދި އޭނާ ނިސްބަވްވެވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަސްލަމް ވަނީ މަޖިލީހުގެ ހަތަރު ދައުރު ޖުމުލަ 20 އަހަރު ހޭދަކުރައްވައިފައެވެ.

ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.