އިޒްރޭލުން ފަލަސްތީނަށް ހާއްސަކޮށް ރަފާހަށް ދެމުންދާ ހަމަތައް ވަގުތުން ވަގުތަށް ހުއްޓާލައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށާއި ފަލަސްތީނަށް އިންސާފު ނުލިބެނީސް ހަމަޖެހުމެއް ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރަފާހުން މިހާރު ފެންނަނީ މާޔޫސީ މަންޒަރުތަކެއް ކަމަށާއި ފެންނަނީ އެތައް ބަޔަކު ޝަހީދުކޮށްލަމުންދާ މަންޒަރު ކަމަށެވެ. އަދި އިޒްރޭލުން އެތަންތަން ސުންނާފަތިކުރަމުންދާ އިރު، ބައިނަލްއަގުވާމީ މުޖުތަމައު ހިމޭނުން އޮވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް އެއްފަހަރާ ހުއްޓާލައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރަފާހަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ފިޔަވަޅު އަޅަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ދެކުނު އެފްރިކާއިން ވެއްދި މައްސަލައަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ، ފަލަސްތީނުގެ ވެރިރަށަކީ 1967 ގެ ކުރިން އިރުމަތީ ގުދުސް އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އަމިއްލަ އިހުތިޔާރު ހޯދުމަށާއި މިނިވަން ދައުލަތެއް ގެނައުމުގެ ހައްގު ހޯދުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އެ ގައުމުގެ ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށެވެ.
"ފަލަސްތީނުގެ ދައުލަތަކީ ހަގީގަތަކަށް ވެގެން، ފަލަސްތީނުގައި ތިބި އަހުންނާއި އުހުތުންނަށް ޝަރަފުވެރިކަމާއި ސުލްހަވެރިކަމާއި ތަނަވަސް ދިރިއުޅުމެއް އުޅެވެންދެން އަޅުގަނޑުމެންނަށް ހަމަޖެހުމެއް ނުލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ގިނަ ގައުމުތަކުގައި އަޑު އުފުލަމުންދާ އިރު، ބައެއް ގައުމުތަކުން ވަނީ އެ ގައުމާ މެދު ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅައިފައެވެ.