ތައިލޭންޑްގެ ރަސްގެފާނު އޭނާގެ ޕާސަނަލް ސެކިއުރިޓީ ގެ ޑެޕިއުޓީ ހެޑާ ކައިވެނިކޮށް ރާނީގެ ލަގަބު ދީފިއެވެ.
މި ކައިވެނިކޮށްފައި މިވަނީ ރަސްގެފާނު މާހާ ވަޖިރަލޯންގްކޯން ރަސްގެފާނުގެ ތާޖު ރަސްމީކޮށް އެޅުވުމުގެ ރަސްމިއްޔާތުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
ރަސްގެފާނު މާހާއަށް ރަސްގެފާނުކަން ލިބިވަޑައިގެންނެވީ އޭނާގެ ބައްޕަ 2016ގައި އަވަހާރަވުމާ ގުޅިގެންނެވެ.
މީގެ ކުރިން މާހާ ވަނީ ތިން ކައިވެންޏެއްކޮށް ހަތް ދަރިންލިބިފައެވެ.
ތައިލޭންޑްގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރަސްގެފާނު ވަނީ އޭނާގެ ބޮޑީގާޑް ޖެނެރަލް ސުތިދާ ވަޖިރަލޯންގްކޯން ނާ އަޔުދްޔާ އަށް ރާނީ ސުތިދާ ގެ ލަގަބު ދެއްވައިފައެވެ. އެހެންކަމުން ރާނީ ސުތިދާއަށް ގަނޑުވަރުގެ ރާނީއެއްގެ ހުރިހާ ޒިންމާއެއް ރަސްމީކޮށް އަރުވާނެއެވެ.
ރަސްގެފާނު މާހާ އާއި ރާނީ ސުތިދާ ގުޅިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.
މިދިޔަ ބުދަ ދުވަހު ތައިލޭންޑްގެ ޗެނަލްތަކުން ވަނީ މި ކައިވެނި ލައިވްކޮށް ދައްކައިފައެވެ.
ރާނީ ސުތިދާ އަކީ ކުރިން ތައި އެއާވޭސްގެ ފްލައިޓް އެޓެންޑެންޓްއެކެވެ. ދެހާސް ސާދަ ވަނަ އަހަރު މާހާ ވަނީ ސުތިދާ އަށް އޭނާގެ ބޮޑީގާޑުންގެ ޔުނިޓްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުދީ ވަޒީފާ ހަވާލުކޮށްފައެވެ. އަދި 2016 ވަނަ އަހަރު ސުތިދާ ވަނީ ތައިލޭންޑްގެ އާމީގެ ޖެނެރަލަކަށް ވެފައެވެ.
ތައިލޭންޑްގެ ކުރީގެ ރަސްގެފާނު ބުމީބޯލް އަދުލްޔަދޭޖް ވަނީ 70 އަހަރު ވަންދެން ގައުމުގައި ރަސްކަންކޮށް ދުނިޔޭގެވެސް އެންމެ ގިނަ ދުވަހު ރަސްކަންކުރި ރަސްގެފާނަށް ވެގެންގޮސްފައެވެ.