މާލެއާއި ވިލިނގިލި ދޭތެރޭ ކަނޑުއޮޅިން ބޮޑުމަހެއް ފެނިއްޖެއެވެ.
މިދިޔަ ހުކުރުދުވަހު މަސްބާނަން ޑިންގީއެއްގައި ނުކުމެ އުޅުނު ބަޔަކަށް މި ބޮޑުމަސް ފެނުނީ މާލެއާއި ވިލިނގިލި ކަނޑުއޮޅިން ކަމަށް މައުލޫމާތު ލިބެއެވެ. މީސް މީޑިއާގައިވާ ވީޑިއޯއަކުން މި ބޮޑުމަސް ވަރަށް ކައިރިން ފެނެއެވެ. ގާތްގަނޑަކަށް 20 ފޫޓު ހުންނަވަރުގެ މި ބޮޑުމަސް މައްޗަށް އަރާފައި ނޭވާލުމަށްފަހު އަޑިއަށްދާ މަންޒަރު ފެންނަ މި ވީޑިއޯ ވަނީ މީސް މީޑިއާގައި ވައިރަލް ވެފައެވެ.
ވަން އޮންލައިންއަށް މައުލޫމާތުދެއްވަމުން މެރިން ތަޖުރިބާކާރަކު ވިދާޅުވީ މިއީ ރާއްޖެއިން ވަރަށް މަދުން ފެންނަ ވައްތަރުގެ ބޮޑުމަހެއް ކަމަށެވެ. މީގެ ދުވަސްތަކެއް ކުރިންވެސް ފުވައްމުލަކުގެ ޑައިވަރުންތަކަކަށްވެސް ދެ ބޮޑުމަސް ފުވައްމުލަކާއި ކައިރިން ދަތުރު ކުރަނިކޮށް ފެނިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑަށް ބެލެވޭގޮތުން މި ބޮޑުމަސް އެތެރެވަރިއަށް ވަދެވުނީ ދަތުރުކުރަމުން ދަނިކޮށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުގެ އަޑުޖެހި ބޮޑުމަހުގެ މިސަރާބު އޮޅުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ބޮޑުމަސް ދެކިލަން އަތޮޅުތަކުގެ ބޭރަށް ޓުއާ ދަތުރުތަކުގައި ދާކަން ފާހަގަކުރެވެއެވެ.