ޚަބަރު

ކެފޭއެއްގެ ބަދިގެއިން ދުން ލީކުވެ، އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ

ފާތިމަތު ލިޔުޝާ

މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭއެއްގެެ ބަދިގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 5:50 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި އައިޖީއެމްއެޗް އަށް ގެންދިޔައީ ސްރީ ލަންކާގެ މީހަކާއި އިންޑިއާ މީހަކާއި ބަންގްލަދޭޝް ދެ މީހުން އަދި ނޭޕާލު ތިން މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.