ޚަބަރު

އިއްޒުއްދީން ފާލަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފާތިމަތު ލިޔުޝާ

އިއްޒުއްދީން ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އިއްޒުއްދީން ފާލަން ތަރައްގީކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު އެމްޓީސީސީންނެވެ.

އެއަށްފަހު ނުވަ އަހަރު ފަހުން "އިއްޒުއްދީން ފާލަން" މަރާމާތަށް ބަންދުކުރީ މިމަހުގެ ފަހެއްގައެވެ. އެ މަޝްރޫއު އެމްޓީސީއާއާ ހަވާލުކުރީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.

އެ މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީއާއާ ހަވަލުކުރި މަޝްރޫއުއެކެވެ.

މިހާރު ތަރައްގީކުރާ އިއްޒުއްދީން ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރަމުންދިޔަ އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.

އަލުން ތަރައްގީކުރަން ނިންމާފައިވާ ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަގީންކަން އެމްޓީސީސީން ދެއެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރައްވާ އިއްޒުއްދީން ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި ސިޔާދަތާއި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީއްސުރެ، ފާއިތުވި 43 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.