ޚަބަރު

ނައިޑް ޓްރޭޑިން އަށް 1.3 މިލިއަން ރުފިޔާ ދައްކަން އާރުޑީސީއަށް ހުކުމްކޮށްފި

އިބްރާހިމް ޒަކީ

ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށް 1.3 މިލިއަން ރުފިޔާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އާރުޑީސީ)ގެ މައްޗަށް ސިވިން ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަައަކީ ނައިޑް ޓްރޭޑިން އިން ހިންގަމުން އަންނަ ޕޭޖް ހާޑްވެއާ ފިހާރައިން އާރުޑީސީ އިން ކްރެޑިޓަށް ނަގާފައިވާ މުދަލަށް ދައްކަން ޖެހި ނުދައްކާ އޮތް 1.5 މިލިއަން ރުފިޔާ ހޯދުމަށް އެދި ނައިޑް ޓްރޭޑިން އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާގެ މައްސަލައެކެވެ.

މި ދައުވާއަށް ޖަވާބުދެމުން މި މައްސަލައިގެ ބަޔަކަަށް އާރުޑީސީން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އާރުޑީސީން ބުނެފައިވަނީ، ނައިޑް ޓްރޭޑިން އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 200،557 ރުފިޔާއަކީ 29 މެއި 2023 ގައި އެ ފަރާތަށް ދައްކާފައިވާ ފައިސާ އެއް ކަމަށެވެ. އެހެންކަމުން އެ ފައިސާ އުނިކުރުމަށްފަހު ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިން ކޮންމެ މަހަކުވެސް އެ މަހަކަށް ދައްކަންޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދައްކަމުން ގޮސް އެ ހުރިހާ ފައިސާ ދެއްކުމަށް އެއްބަސްވާ ކަމަށްވެސް އެ ފަރާތުގެ ހުށަހެޅުމުގައިވެއެވެ.

އެ ހުށަހެޅުމާ ގުޅިގެން ނައިޑް ޓްރޭޑިން އިން ބުނެފައިވަނީ އާރުޑީސީން އުނިކުރަން އެދުނު 200،557 ރުފިޔާ އުނިކުރުމުން ބާކީ އޮތް 1.3 މިލިއަން ރުފިޔާ ދެއްކުމަށް އާރުޑީސީއަށް ހަ މަސް ދުވަހަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިން ފުރުސަތުދީ މައްސަލައިގައި ހުކުމްކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އާރުޑީސީން އެދުނީ ހަ މަހުގެ ބަދަލުގައި 12 މަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެކަމަށް ނައިޓް ޓްރޭޑީން އިން އިއުތިރާޒެއް ނުކުރެއެވެ.

އެހެންކަމުން އާރުޑީސީގެ ފަރާތުން ނައިޓް ޓްރޭޑިންއަށް 1.3 މިލިއަން ރުފިޔާ ދައްކަންޖެހޭކަން އާރުޑީސީގެ އިއުތިރާފުން ސާބިތުވާ ކަމަށް ކަނޑައަޅައި އަންނަ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކޮންމެ މަހަކު އެ މަހަކަށް ދޭންޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދައްކައި ދަރަނި ހަލާސްކުރުމަށް އާރުޑީސީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.