ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން މިސްކިތްތައް ސާފުކޮށް، މިސްކިތު ގޯތިތެރެއަށް ވެލިލައި ހެދުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭ އޮންނަ އާދައެކެވެ. އިއްޔެ ފެނިގެން ދިޔައީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހެރިޓޭޖް މިނިސްޓްރީގެ މުވައްޒަފުން އިސްވެ މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ތަނެވެ. ތަފާތުވި ކަމަކީ މިމަސައްކަތުގައި އަމަލީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމެވެ.
ސޯޝަލް މީޑީއާގައި އިއްޔެ އާންމުވި ފޮޓޯ ތަކުން ފެނިގެން ދިޔައީ ހުކުރު މިސްކިތުގެ ވަޅުދިޔަ ހިއްކުމުގެ މަސައްކަތުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތި ތެރެއަށް ވެލިލުމުގެ މަސައްކަތުގައި އަމަލީ ގޮތުން ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މަންޒަރެވެ. އަދި ރައީސް ސޯލިހުގެ އަރިހުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ ހުކުރު މިސްކިތުގެ ގޯތިތެރެއަށް ވެލިލުމުގެ މަސައްކަތުގައި އުޅުއްވާ މަންޒަރުވެސް ވަނީ ފެނިފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ހުކުރު މިސްކިތުގެ މުންނާރުގެ އެންމެ މައްޗަށް އަރާވަޑައިގެން، މުންނާރަށް އަރާވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ރައީސަށްވެސް ވެވަޑައިގެންފަ އެވެ. އިއްޔެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ އަމަލީ މަސައްކަތުގައި ރައީސް ބައިވެރިވެވަޑައިގަތް އިރު، ހެރިޓޭޖުން ވަނީ މިސްކިތާ ބެހެ މައުލޫމާތުތައް ރައީސް ސޯލިހުއާ ހިއްސާކުރައްވައިފައެވެ.
ބަރަކާތްތެރި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ މި މަސައްކަތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަކީ ނަމޫނާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި އެކަމަށް ޓަކައި މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ތައުރީފުކޮށްފަ އެވެ.
ހުކުރު މިސްކިތުގެ އިތުރުން ވެސް ގައުމީ އަދި ޖަމާއަތުގެ ފެންވަރުގައި ވެސް ކުރާ އިޖުތިމާއީ އަދި އެ ނޫން ވެސް މި ފަދަ ވަރަށް ގިނަ ކަންކަމުގައި ރައީސް ސޯލިހު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުނެވެ.