ޚަބަރު

އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތް: ޣައްސާން

ފާތިމަތު ލިޔުޝާ

އުތުރުތިލަފަޅުގައި އިންޑިއާގެ އެއްވެސް ސިފައިންގެ މީހަކު ނެތް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ، ސަރުކާރުގެ މައުލޫމާތުތައް ދައްކާގޮތުން އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ މީހެއް ނެތް ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ހދ. ހަނިމާދޫ, ލ. ކައްދޫ, ސ. ގަން އަދި އުތުރުތިލަފަޅުގެ އިތުރުން, ސެނަހިޔާ ހޮސްޕިޓަލުގައެވެ.

އޭގެ ތެރެއިން ހަނިމާދޫ, ކައްދޫ އަދި ގަމުގައި ތިބި ޖުމްލަ 76 ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ އަނބުރާ ފޮނުވާލައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންގެ އެދުމުގެ މަތިން ސިފައިންނަށް ހިދުމަތް ދިނުމަށް ރާއްޖެ ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށެވެ. އަދި ސެނެހިޔާގައި މަސައްކަތްކުރާ ޑޮކްޓަރުންނަކީ، އިންޑިއާގެ ސިވިލިއަނުން ކަމަށާއި ވަރަށް ގިނަ ގައުމުތަކުން ސިވިލިއަނުންގެ ގޮތުގައި މަސައްކަތް ކުރަން ރާއްޖޭގައި ބޭރުގެ މީހުން އެބަތިބި ކަމަށެވެ.

ސެނެހިޔާގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުމެއް މިވަގުތު ސަރުކާރުގެ ނެތް ކަމަށާއި ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތް ނަމަ، އެ މީހުން ފޮނުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ މަދަނީ މީހުން ކަމަށެވެ. އުޅަނދުތައް އޮޕަރޭޓްކުރަން ތިބި 76 ސިފައިންގެ ބަދަލުގައި ގެނައީ މަދަނީ މީހުންގެ އަދަދަކީ 76 ކަމަށެވެ.

އެމީހުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެމީހުން ރާއްޖޭގައި ތިބޭނީ ސ. ގަމާއި ލ. ކައްދޫ އަދި ހދ. ހަނިމާދޫގައި ކަމަށެވެ. އެގޮތުން ސ. ގަމުގައި 26 މީހުން ތިބޭނެ ކަމަށާއި އެމީހުން ތިބޭނީ ފެބްރުއަރީ 2025ގެ ނިޔަލަށް ކަމަށެވެ. ކައްދޫގައި 25 މީހުން ތިބޭ އިރު, އެމީހުން ތިބޭނީ ފެބްރުއަރީ 2025ގެ ނިޔަލަށް އަދި ހަނިމާދޫގައި ތިބި 25 މީހުން ތިބޭނީ ފެބްރުއަރީ 2026ގެ ނިޔަލަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި އަސްކަރީ ބަނދަރެއް ތަރައްގީ ކުރަން އިންޑިއާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމީ މިދިޔަ ސަރުކާރުގައި 2022 ޑިސެމްބަރު 29 ގައެވެ. އުތުރުތިލަފަޅުގައި ބަނދަރާއި ޑޮކްޔާޑު ހެދުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތިނެއްގައެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާޓު ސިންގް އާއި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ދެ އަހަރު ތެރޭ މަޝްރޫއު ނިންމަންޖެހޭ ގޮތަށް އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 186.3 މިލިއަން ޑޮލަރު (2.9 ބިލިއަން ދިވެހި ރުފިޔާ) އަށެވެ.

ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެތަނުގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ހަދަމުންދާ ކަމަށާއި އެތަނުގައި ދިވެހި ސިފައިންގެ ބާރު ނެތް ކަމަށްބުނެ ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ. އަދި އެތަނުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ތުހުމަތު ކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން، ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އުތުރުތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ސްޓޭޓް ޓްރޭޑް އޯގަނިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އިން ވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާ ވަހާލުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާޗް 29 ގައެވެ.