ޔުނައިޓެޑް ނޭޝަންސް (ޔޫއެން)، އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ލިބިގެން ދިއުމަކީ އެ ގައުމަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބިގެންދިޔަ ތާރީހީ ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހުން މިރޭ ވަނީ ފާސްކޮށްފައެވެ. އދ. އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. ރާއްޖެއިން ކޯ ސްޕޯންސް ކޮށްފައިވަނީ ޔޫއޭއީގެ އެ ގަރާރެވެ.
އެ ގަރާރަށް މިރޭ ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކޮށްފައެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިން އިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.
ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ލިބުމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަލަސްތީނަށް މަރުހަބާ ވިދާޅުވެ، އދ.ގެ މެންބަރުކަން ދިނުމަށް ތާއީދުކޮށް ވޯޓު ދިން ގައުމުތަކަށް ވެސް މަރުހަބާ ދަންނަވައިފައެވެ.
"ފަލަސްތީނުގެ ރައްޔިތުން ވަނީ މިނިވަން ދައުލަތެއް ގާއިމު ކުރުމަށާއި އަމިއްލަ ނިންމުންތައް ނިންމޭނެ ދުވަހަކަށް ގިނަ ދުވަސްތަކަކަށް އިންތިޒާރުކޮށްފަ. ފަލަސްތީނު ރައްޔިތުންގެ ގުޑުވައިނުލެވޭ ހިތްވަރުން ދިވެހިންވެސް ނަމޫނާ ލިބިގަންނަން،" ރައީސް ވިދާޅުވިއެވެ،
ރައީސް ވިދާޅުވީ 1967 ވަނަ އަހަރު ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖޭން އަބަދުވެސް ކުރާ ވަކާލާތު ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކުރިން ފަލަސްތީނަކީ އދ.ގެ 'އޮބްޒާވާ ސްޓޭޓަސް'ގެ ގައުމެކެވެ. ނަމަވެސް ޔޫއޭއީ އިން ހުށަހެޅި ގަރާރު ފާސްވުމުން ފަލަސްތީން ވަނީ އދ.ގެ މެމްބަރު ގައުމަކަށް ބަދަލުވެފައެވެ.
ޔޫއޭއީ އިން ހުށަހެޅި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށާއި އދ.ގެ ގައުމުތަކުގެ ބޮޑު ތާއީދެއް ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އޮންނަ ކަމަށެވެ.
އދ. އިން މިއަދު ކުއްލި ބައްދަލުވުމެއް ބޭއްވީ ފަލަސްތީނުން އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާ އިން އދ.ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީއެވެ. ސެކިއުރިޓީ ކައުންސިލަށް އެ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމުތަކުން ކުއްލި ބައްދަލުވުމަކަށް ގޮވާލަން ޖާގަ ދޭނެއެވެ.