ޚަބަރު

އޮޕަރޭޝަން ކުރަނގި: ހިންމަފުށިން 532 ބިދޭސީއެއްގެ މައުލޫމާތު އެއްކޮށްފި

މުހައްމަދު އިޝާން

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން ކ. ހިންމަފުށިން 532 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަހަދެއްގައި އެއްފަހަރާ ފެށިގެންދާނެ ކަމަށެވެ. މިހާރު އެ މަސައްކަތް ކުރިއަށްދަނީ ހަމައެކަނި ހިންމަފުށީގައި ކަމަށެވެ.

"އޮޕަރޭޝަން ކުރަނގި މިވަގުތު ހިންގަމުންދަނީ ކ. ހިންމަފުށީގައި. މިހާތަނަށް އެ ރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑޭޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ) ވަނީ ނެގި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގިއަށް ހިންމަފުށި ކައުންސިލުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަރަށް ގިނަ ކަމަށާއި ތިބި ބިދޭސީންގެ ޖުމުލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓް ރެކޯޑުތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.

"މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބާ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ އެމީހުންނާ ދިމާކުރަނީ. މީގެ ތެރޭގެ ބައެއް މީހުންނަކީ މިދެންނެވި ރެކޯޑް ތެރޭގައިވެސް ނެތް މީހުން. އެހެންވީމަ މި މީހުން މި ރެކޯޑުތެރެއަށް ނަގާފައި މިވަގުތު ގަވާއިދާ ހިލާފަށް ތިބީ ކޮން ބައެއްތޯ. އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ. ނުވަތަަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތަކަށްތޯ." އިހުސާން ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރާނެ ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފާ ނަމަ، ސަރުކާރުން އެމީހުން ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.