ހުޅަނގު މޫސުން އިއްޔެ ފެށިފައިވާ ކަމަށާއި ކުރިއަށް އޮތީ ވިއްސާރަ ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ އިއްޔެ ވަނީ ދެކުނުގެ ސަރަހަދުތަކަށް ހުޅަނގު މޫސުން ފެށިފައި ކަމަށެވެ. މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާ ތެރޭ ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރުތައް މެދު ރާއްޖެތެރެއަށް ފޯރައި މި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.
ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އިރުވަައި މޫސުން އާންމުކޮށް އޮންނަނީ ޖެނުއަރީމަހުން މާޗު މަހަށް ކަމަށެވެ.