ޚަބަރު

މާލޭގައި ހުރި ޕާކިން ސިސްޓަމްތައް ނަގައި، އެތަންތަން ޕާކިން ބްލޮކްތަކަކަށް ބަދަލުކުރަނީ

މާލޭގައި ހުރި ޕާކިން ސިސްޓަމްތައް ނަގައި، އެތަންތަން ޕާކިން ބްލޮކްތަކަކަށް ބަދަލުކުރެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ ކުރީގެ ސަރުކާރުން ބަހައްޓާފައިވާ ޕާކިން ސިސްޓަމުތަކާ ބެހޭ އޮޑިޓެއް ޕްލޭނިން މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާކިންއެއް މާލެއަށް އެކަށީގެންވާ އެއްޗެއް ކަމަކަށް ގަބޫލު ނުކުރެވޭތީ، އެ ޕާކިންއެއް ނުބެހެއްޓޭނެ. އެތަންތަން ސާފުކުރެވި، ރަނގަޅު ޕާކިން ބްލޮކްތަކަކަށް އެތަންތަން ބަދަލުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މީގެ ކުރިން ވެލާނާގޭ ސަރަހައްދުގައި ޕާކިން ސިސްޓަމެއް ބެހެއްޓުނު ނަމަވެސް އޭގެ ނަތީޖާ ފެނިގެންދިޔައީ ވަރަށް ގޯސްކޮށް ކަމަށާއި އެތަން ބޭނުންކުރާ ތަނެއް ފެނިގެންގޮސްފައި ނުވާ ކަމަށެވެ. އަދި އެ ޕާކިން ސިސްޓަމަށް ވެހިކަލެއް ލައިފިނަމަ، އެ ވެހިކަލަކަށް ގެއްލުންވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެފަދަ ތަންތަނުގައި ވެސް އަޅުގަނޑުމެން މި އަންނަނީ އެ ޖާގަތައް ހުސްކޮށް، ބިމުގައި ޕާކުކުރެވޭނެ އިންތިޒާމަކަށް އެތަންތަން ތަރުތީބު ކުރަމުން. އެހެންނަމަވެސް ގިނަ އަދަދެއްގެ ޕާކިން ސިސްޓަމްތައް ގެނެސް، ރަނގަޅަށް ނާތުރާ ވެސް އެބަހުރި، ބިން މަތީގައި ބަހައްޓާލާފައި. ފުރުގާން މިސްކިތް ކުރިމަތިން ވެސް އޭގެ ޖާގައެއް އަޅުގަނޑުމެން މި ހުސްކުރަނީ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގާއިމުކޮށްފައިވާ ޕާކިން ސިސްޓަމްތަކަކީ ރައްޔިތުންނަށް ކަމުދާ އެއްޗެއް ނޫންކަން ރައްޔިތުންގެ ފަރާތުން އެނގިފައިވާ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ވަނީ ވިދާޅުވެފައެވެ.