މާލޭގައި ވަގުތީ މާރުކޭޓުތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ މާލެ ތެރޭގައި ހިމެނޭ އަމިއްލަ ފަރާތްތަކުގެ ހުސް ޖާގަތަކުގައި މާރުކޭޓުތައް އެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގެ އެކިއެކި ރަށްރަށުން ހައްދާ ކާބޯތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓު ތައްޔާރުކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް އެބަ ކުރިއަށްދޭ. އެތަންތަން މާދަމާ ހުޅުވާލެވޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ. އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ވިލިމާލޭގައި ވެސް އަލަށް ވަގުތީ މާރުކޭޓެއް އަޅުގަނޑުމެން އެބަ ހަދަން،" އޭނާ ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ މާލޭގެ ވެސްޓް ޕާކް ހިމެނޭ ޖާގައިގައި ވެސް ރާއްޖޭގައި ހައްދާ ބާވަތްތަކަށް ހާއްސަކޮށްގެން ޖާގައެއް ތައްޔާރުކުރާ ކަމަށާއި އޭގެ އިތުރުން މާދަމާއަށް ނުނިންމުނަސް، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެމްޕީއެލްގެ ނޯތު ހާބަރު ތެރޭގައި ވެސް ގޮޅިތައް ތައްޔާރުކޮށް، އެތަންތަނުގައި ވެސް ރާއްޖޭގައި ހައްދާ ބާވަތްތައް ވިއްކުމަށްޓަކައި އެ ސަރަހައްދުގައި ވެސް މާރުކޭޓެއް ގާއިމުކުރެވޭނެ ކަމަށެވެ.
މާލޭގައި ޖުމުލަގޮތެއްގައި ތިން މާރުކޭޓާއި މިހާރު ވެސް އޮންނަ ލޯކަލް މާރުކޭޓު ހުންނާނެ ކަމަށާއި އޭގެ އިތުރުން ރަށު ތެރޭގައި އަމިއްލަ ފަރާތްތަކުން ތައްޔާރުކުރާ މާރުކޭޓުތައް ވެސް ހިމެނޭނެ ކަމަށެވެ.