ޚަބަރު

ރާއްޖޭން މިހާރު ތެލަސީމިޔާ ބޯންމެރޯ ކްރޮސްމެޗް ޓެސްޓް ހެދޭނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

ރާއްޖެއިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓް ހެދޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލު ވިދާޅުވި، މީގެ ކުރިން ރާއްޖޭގައި ބޯންމެރޯ ކްރޮސްމެޗް ޓެސްޓް ހެދުމަކީ ވަރަށް ދަތި ހާލުން ކުރެވޭ ކަމެއް ކަމަށެވެ. މީގެ ކުރިން ބޯންމެރޯ މެޗް ކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާ އާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖެއިން އެ ޓެސްޓު ހެދޭނެ ގޮތްތައް ހަމަޖެހިފައިވާ ކަމަށާއި މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް ހިދުމަތް ދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ތަސައްވަރެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ ތެލަސީމިޔާ ހޮސްޕިޓަލް ވެގެންދާނީ މި ސަރަހައްދުގައިވެސް ތަރައްގީކުރާ އެންމެ ވަރުގަދަ އެއްތަނަށް ކަމަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރަނީ ރާއްޖޭގައި ތިބެގެން ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއި އެހެނިހެން ހިދުމަތްތަކާ އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

"އެތަނުގައި ތިބެގެން ބޯންމެރޯ ހެދުމާއި ފަހުގެ ސައިންސްގެ ޒަރިއްޔާއިން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ބޭނުންވާ އާލާތްތައް ގާއިމް ކުރުމާއި ފަހުގެ ލެބޯޓަރީތައް ގާއިމްކުރުން ފަދަ ކަންކަން ގާއިމް ކުރެވޭނެ،"

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭ އިތުރު 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ. އޭގެ ތެރެއިން ފަސް ކުދިން މި އަހަރުގެ މެދު ތެރޭގައި ފަރުވާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށާއި އަހަރުގެ ފަހުކޮޅު އިތުރު ފަސް ކުދިން ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ބޯންމެރޭ އޮޕަރޭޝަން ކާމިޔާބުވި ދެ ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އެ ދެ ކުދިންގެ ސިއްހަތު ރަނގަޅު ކަމަށާއި އެ ދެ ކުދީން މިހާރު ތިބީ އިތުރު އޮބްޒަވޭޝަނަށް އެކޮމޮޑޭޝަންގައި ކަމަށް ވިދާޅުވިއެވެ.

ބާކީ ތިބި ތިން ކުދިންގެ ބޯންމެރޭ ހެދުމުގެ ކަންކަން އަވަސް މުސްތަގުބަލެއްގައި ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތެލެސީމިއާ ބަލީގެ މީހުންނަށް ދޭންޖެހޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ޓީޓޫ ސްޓާ ޓެސްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހުޅުމާލޭ ހޮސްޕިޓަލްގައި ނިންމާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތްވެސް އެއްކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.