ޚަބަރު

ގާފަރު ފަޅުގައި ރިސޯޓް ހަދަން 16 ރަށް ހިއްކަނީ

މުހައްމަދު އިޝާން

ކ. ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ފަޅެއް ހިއްކަން ނިންމައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާއާ ހަވާލުކޮށްފިއެވެ.

އެމްއެފްއެމްސީން އިއްޔެ ބުނީ އެ އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރާނެ ކަމަށެވެ. އަދޮ ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ވެސް ހިއްކާނެ ކަމަށް އެމްއެފްއެމްސީން ބުންޏެވެ.

އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން 106.91 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. މިއީ ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކައި އެންމެ ފުރަތަމަ މަޝްރޫއުއެވެ.

އެމްއެފްއެމްސީން ބުނީ ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް 36 ޑޮލަރު ހަރަދުވާނެ ކަމަށެވެ. އެ ހުރިހާ ބިމެއް ހިއްކުމުގެ މަސައްކަތަށް ތިން މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށާއި ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީ އިން ބުންޏެވެ.

އެ އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގާ ހިއްކުމުގެ މަޝްރޫއުތަކަށްދާ ހަރަދަށް ވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެއް ކަމަށް އެމްއެފްއެމްސީން ބުންޏެވެ.

އެ މަޝްރޫއުގެ މަސައްކަތަށް ދާ ހަރަދު އެމްއެފްއެމްސީން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމުމަށް ފަހު އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް އެމްއެފްއެމްސީން ބުންޏެވެ.

ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓާ ޕްލޭން ނިމިފައިވާ އިރު، މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ މަޝްރޫއުއެވެ.