ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހު ފަހުކޮޅު ބާއްވަން ނިންމައިފިއެވެ.
ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 20ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް އެކަންޏެވެ.
ބީއެމްއެލް އިން ބުނީ، އެ ޖަލްސާ ކުރިއަށް ގެންދާނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
ބީއެމްއެލް އިން ބުނީ، އަހަރީ އާންމު ޖަލްސާގައި ހާޒިރުވެ އަދި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް މާދަމާ އިން ފެށިގެން 26 މެއި ވަނަ ދުވަހުގެ 8:30ގެ ނިޔަލަށް ޕްރީ ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ހާޒިރުވެ ބައިވެރިވާ ހިއްސާދާރުން މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 7:00 އިން 8:15 އަށް އައިޑީކާޑު/ ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ކާޑު ހިފައިގެން ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމަށް ދިއުމުން އެ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ގަޑީގެ ފަހުން ހާޒިރުވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށްވެސް ބުންޏެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމުލަ 269 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ ބީއެމްއެލް އިން ބުނާ ގޮތުގައި އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
ފައިނަލް ޑިވިޑެންޑް ދޭނީ 15 މެއި 2024ގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.