ޔޫއެފާ ޗެމްޕިއަންސް ލީގު

ދެވަނަ ލެގުގައިވެސް ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ރޭ ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށް، ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޑޯޓްމަންޑުން ރޭ ރަށުން ބޭރުގައި 1-0 އިން ޕީއެސްޖީ ބަލިކޮށް، ފައިނަލަށް ދަތުރުކުރީ އެގްރިގޭޓް 2-0 ގެ ނަތީޖާއަކުންނެވެ. ޑޯޓްމަންޑުން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، މީގެ ކުރިން އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރީ 2013 ވަނަ އަހަރުއެވެ. އެފަހަރު ލަންޑަންގެ ވެމްބްލީގައި ކުޅުނު ފައިނަލުން ބަލިވީ ބަޔާން މިއުނިކް ކައިރިންނެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ޑޯޓްމަންޑް އަތުގައި ގޯލެއްގެ ލީޑު އޮތުމުން، އެޓީމުން ބޮޑަށް ވިސްނީ ފަހަތުން ޑިފެންސް ކުރުމަށެވެ. ޕީއެސްޖީއަށް ކޮންމެވެސް ވަރަކަށް ޖާގަ ދީގެން ކުޅުނު އިރު، ބޮޑަށް ނުރައްކާ ކުރީވެސް ޕީއެސްޖީންނެވެ. ކިލިއަން އެމްބާޕޭ އާއި ވެރެން ޒައޭ-އެމެރީގެ ހަމަލާތައް ނުރައްކާކޮށް ފެނުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޑޯޓްމަންޑަށް ގޯލު ޖަހައިދިނީ މެޓްސް ހުމެލްސްއެވެ.

އެއީ ކޯނަރެއްގައި ހުމެލްސް ޖެހި ގޯލެކެވެ. ޕީއެސްޖީން ދެވަނަ ހާފުގައިވެސް ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، ނޫނޯ މެންޑޭސް އާއި އެމްބާޕޭ އަދި ޒައޭ-އެމެރީގެ ހަމަލާތައްވެސް އަމާޒުވީ ދަޑިއަށެވެ. އަދި އޭގެ އިތުރުން ވިޓީނިއާ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ ޕީއެސްޖީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ލިބިފައިނުވާ އިރު، މިއީ އެމްބާޕޭ އެޓީމުން ބަދަލުވުމުގެ ކުރިން ކުޅުނު ޗެމްޕިއަންސް ލީގުގެ ފަހު މެޗަށްވުން ވަރަށް ގާތެވެ. އެމްބާޕޭ މި ސީޒަނަށްފަހު ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.

ޑޯޓްމަންޑާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމު އެނގޭނީ މިރޭ ރެއާލާއި ބަޔާން ވާދަކުރާ ސެމީ ފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގަށްފަހުގައެވެ.