ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރޭގައި މިއަދު މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.
ވީއައިއޭ ޓާމިނަލްގެ ޗެކިން ކައުންޓަރު ސަރަހައްދުގައި އެ ބިދޭސީ މީހާ މާރާމާރީ ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ މީހަކަށް ހަމަލާ ދީފައެވެ. މުވައްޒަފަށް ހަމަލާ ދިނުމުން އޭނާ ވެސް ބިދޭސީ މީހާއަށް ހަމަލާދޭތަން ވީޑިއޯއިން ފެނެއެވެ.
ފުލުހުން އެ ބިދޭސީ ހައްޔަރަށް ގެންދާ ވީޑިއޯއެއް ވެސް ފަހުން ވަނީ އާންމުވެފައެވެ.
ފުލުހުން މިރޭ ބުނީ އެ ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ ކަމަށެވެ. ބިދޭސީ މީހާގެ މައްޗަށް ކޮށްފައިވަނީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.