ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ. ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އެހެން ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ދިވެހިންގެ މެދުގައި ރިހާކުރު ބޯކިބަލަކީވެސް ވަރަށް މަގުބޫލު އެއްޗެކެވެ. މީރު އެއްޗެކެވެ. ރަހަތައް ހެޔޮވަރުކޮށް، މީރުކޮށް އަޅައިލެވިއްޖެ ނަމަ ރޯދަ ވީއްލާ ގަޑިއަށް ނިކަން ރަނގަޅު ވާނެ އެވެ.
- ރިހާކުރު ބޯކިބާ އަޅާނެގޮތް
ބޭނުންވާ ތަކެތި:
2 ލާހި ހަނޑޫ
1 ލާހި ރިހާކުރު
1 ކާށި ހުނި
4 ލުނބޯ
3 ގިތެޔޮ މިރުސް
3 ފިޔާ
4 ލޮނުމެދު (ގާނާފައި)
1 އިންޗި ހުންނަ ވަރުގެ އިނގުރުކޮޅެއް (ގާނާފައި)
ހިކަނދިފަތް
ރަހަލާ ވަރަށް ލޮނު
ތައްޔާރުކުރާނެ ގޮތް:
ހަނޑޫކޮޅު ރާޅުކޮށް ފުނޑާލާށެވެ. ނުވަތަ މުގުރާށެވެ. އެއަށްފަހު ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް ތުނިކޮށް ކޮށާށެވެ. އަދި ކޮށި އެއްޗިހި ކާށި ހުންޏާއި ހަނޑުލު ފުށާއި ރިހާކުރު އަޅައިގެން މޮޑެލާށެވެ. މޮޑޭއިރު ގާނާފައި ހުރި އިނގުރާއި ލޮނުމެދާއި ލުނބޯ ހުތް ޖަހައިގެން ލޮނު ހެޔޮވަރުކުރާށެވެ. ރަނގަޅަށް މޮޑެވުނީމަ މަތިޖަހައި 15 މިނެޓް ބަހައްޓާށެވެ. މޮޑެފައި އިރުކޮޅަކު ބެހެއްޓުމުން ރަހަތައް ރަނގަޅުވާނެއެވެ. ދެން ތެއްޔެއްގައި ނުވަތަ ފިހާން ބޭނުންކުރާ ތަވާގައި ރަނގަޅަށް ތެޔޮ ހާކާފައި ބޯކިބާގެ ފުއްގަނޑު އޮއްސާލާށެވެ. މަތި އަންދައިގެން ރަނގަޅަށް ފިހާށެވެ. ބޯކިބާ ފިހާއިރު ތެލިން ނައްޓަން ފަސޭހަކުރުމުގެ ގޮތުން ތެލީގައި ނުވަތަ ތަވައިގައި ތެޔޮ އުނގުޅުމަށްފަހު އޭގެ މައްޗަށް ކުޑަ ގޮދަންފުށްކޮޅެއް ބުރުވައިލާށެވެ.