ޚަބަރު

ހުކުރު ދުވަހު މެންބަރުންނަށް ރިޕޯޓް ފޮނުވޭވަރަށް ކޮމިޓީތަކުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

އަންނަ ހޯމަ ދުވަހަށްފަހު، މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނެތީ، މި މަޖިލީހުގެ އެންމެ ފަހު ޖަލްސާއަށް ތިން ދުވަހުގެ މުއްދަތެއް އޮއްވައި، މެންބަރުންނަށް ރިޕޯޓް ފޮނުވޭ ގޮތަށް މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ހުރިހާ މައްސަލަތަކެއް ނިންމައި ދިނުމަށް ކޮމިޓީތަކުގެ ކިބައިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާނީ މިމަހުގެ 13 ވާ ހޯމަ ދުވަހު ކަމަށެވެ.

ނަމަވެސް މަޖިލީހުގައި ކުރަންޖެހޭ މަސައްކަތް ހުރި ނަމަ، މާދަމާވެސް އަދި އޭގެ އަނެއް ދުވަހުވެސް އަދި އަންނަ އާދިއްތަ ދުވަހުވެސް ޖަލްސާ ބާއްވަން ހުރަހެއް ނެތް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މެންބަރުން ހުށަހަޅާފައިވާ މައްސަލަތައް ނިމެންދެން އެ މައްސަލަތައް މަޖިލިސް ތަޅުމަށް އެޖެންޑާ ކޮށްގެން މަޖިލީހުގެ ފަހު ޖަލްސާއާ ހަމައަށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަން ގަސްތު ކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ނިންމަން ޖެހޭ ގިނަ މައްސަލަތައެއް މަޖިލީހުގެ ކޮމިޓީތަކުގައި ހުރިކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހަށް ސާކިއުލޭޓް ނުކުރެވޭ އެއްވެސް ކޮމިޓީ ރިޕޯޓެއް 13 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މިހާރު އޮތް 19 ވަނަ މަޖިލީހުން ނިންމަންޖެހޭ ހުރިހާ ކަމެއް، މަޖިލިސް ގަވާއިދުގައިވާ ގޮތަށް، އެ ކަމެއްގެ ރިޕޯޓް ފަހު ޖަލްސާގެ ތިން ދުވަހުގެ ކުރިއަށް މަޖިލިސް މެންބަރުންނަށް ފޮނުވޭ ގޮތަށް ކޮމިޓީތަކުގެ މަސައްކަތް ނިންމުމަށް މަޖިލިސް ރައީސް އެދި ވަޑައިގެންނެވިއެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން ކޮމިޓީތަކުން ނިންމާ މައްސަލަތައް މަޖިލިސް ތަޅުމަށް އެޖެންޑާ ކުރެވޭނީ، އެ މައްސަލައެއް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މެންބަރުންނަށް ފޮނުވުމަށްފަހު އެ ބޭފުޅުންނަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

މިމަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ނިންމާފައިވާ އިރު، އެ ޖަލްސާއަށް އެޖެންޑާ ކުރަންޖެހޭ މައްސަލަތަކުގެ ކޮމިޓީ ރިޕޯޓް މެންބަރުންނަށް ފޮނުވަން ޖެހޭ އެންމެ ފަހު ދުވަހަކީ މިމަހުގެ 10 ވާ ހުކުރު ދުވަހެވެ.