ރޯދަމަހު އަގުބޮޑުކޮށް މުދާ ވިއްކައިގެން ލިބޭ ވަގުތީ ފައިދާގެ ބަދަލުގައި އާހިރުގެ ފައިދާއަށް ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިޔަފާރަވެރިންނަށް އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގެ ވިޔަފާރަވެރިންނަށް ރައީސް ސޯލިހު މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ ރަމްޟާން މަސް ފެށުމުގެ މުނާސަބާގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގައެވެ.
މި ހިތާބުގައި ރާއްޖޭގެ ވިޔަފާރަވެރިންނަށް ރައީސް އިލްތިމާސްކުރެއްވީ ރޯދަމަހާ ގުޅުވައިގެން ވަގުތީ މަންފާއަކަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ބޮޑު އަގުގައި ނުވިއްކުމަށެވެ. އަދި އާހިރަތުގެ ދަރުމައާއި ސަވާބަށް ވިސްނައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސް ވިދާޅުވީ މާދަމާ މިއަހަރުގެ ރަމްޟާން މަސް ފަށާއިރު، އިސްލާމްދީނުގެ އިޖްތިމާއީ އަގުތައް އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށެވެ. އަދި މުޖުތަމައުގެ ރީތި ހަމަތަކާއި އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން ގާނޫނާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫހު ރޯދަމަސް ފަދަ އިސްލާމީ މުނާސަބައެއްގައި އިތުރަށް އާލާކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މި މަހުން ލިބިދޭ އެންމެ މުހިއްމު ފިލާވަޅަކީ އެކަކު އަނެކަކުގެ އިހުސާސުތައް ދެނެގަތުމުގެ އިތުރުން، އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ވަރުގަދަކޮށް، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިއްމު ކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަމްޟާން މަހަކީ ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރުމަށް މާތްﷲ މަގުފަހި ކޮށްދެއްވި އަގުހުރި ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. މި ހިތާބުގައި ރައްޔިތުންނަށް މި މަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް މާތްﷲ އަންގަވާފައިވާ ގޮތުގެ މަތީން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގުރުއާން ކިޔަވައި، ގިނަގިނައިން ގުރުއާން ކިޔަވައި އަދި ސަދަގާތް ދިނުން އިތުރުކުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި ރޯދަ މަހު ކެތްރެރިކަމާއި އެހެން މީހުންނަށް މައާފުކޮށް، ހިތްތިރިކޮށް މަޑުމައިތިރިވުން ފަދަ ރަނގަޅު ސިފަތަކަކީ އަހަރެމެންގެ ގައިގައި ހަރުލައްވަން ޖެހޭ ސިފަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.