ޚަބަރު

އެމެޖެންސީ ރެސްޕޮންސްގެ އެކްސަސައިޒްގެ ހަރަކާތްތައް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި

އަލީ އިހްސާން

ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އެމެޖެންސީ ރެސްޕޮންސް އެކްސަސައިޒް ނުވަތަ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާ ގުޅޭ ތަމްރީންތައް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ބައްލަވައިލައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީޕް އޮފް ޑިފެންސްފޯސް އަބްދު ރަހީމް އަބްދުލަތީފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ތަމުރީނުތައް މާލޭގައި ކުރިއަށްދަނީ އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަޙައްދުގައެވެ. ހުޅުމާލޭގައި ކުރިއަށްގެންދަނީ ހުޅުމާލޭގައި ހުންނަ ސިފައިންގެ ހެޑްކުއަރޓަރސް ކައިރީގައެވެ.

ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުގައި ގޮވާ ޒާތުގެ ބައެއް ތަކެތި ބޭނުންކުރާނެ ކަމަށާއި މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާނެކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ސަލާމަތީ ބާރުތަކުން މި ތަމުރީނުތައް ފަށާފައިވާ އިރު، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަންކަމާއި ކުއްލިއަކަށް ގައުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ.