މީގެ ކުރިން ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯ އާއި ފޮޓޯތަކެއް އާންމުކުރި މާލެ، ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލު) ގެ މައްސަލަ ފުލުހުން އަނެއްކާވެސް ބަލަން ފަށައިފިއެވެ.
ޔާޔާ ނަބީލް މީގެ ކުރިން ޓިކްޓޮކްގައި ބަރަހަނާވި މައްސަލައާ ގުޅިގެން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހައްޔަރު ކުރިއެވެ. އޭރު އޭނާ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް ޓިކްޓޮކުގައްޔާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުގައި އޭނާ ވަނީ ބަރަހަނާވެގެންނާއި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަންހެން ހެދުން އަޅައިގެން ފޮޓޯ އާއި ވީޑިއޯތައް އާންމު ކުރަމުންނެވެ.
ބަރަހަނާ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރި އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ވަނީ ޔާޔާ ނަބީލު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ހުކުމްކޮށްފައެވެ. އެ ޖަލުހުކުމުގެ މުއްދަތު ހަމަވުމުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.
އެފަހުން ޔާޔާ ނަބީލު ވަނީ "ލޫސީ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން އޭނާ ނިވައިކަން ކުޑަ އަންހެން ހެނދުން ލައިގެން ވީޑިއޯ ކުޅެ އަޕްލޯޑްކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާޔާ ނަބީލުގެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ޔާޔާގެ ނަބީލުގެ މައްސަލަ ފުލުހުން އެންމެ ފުރަތަމަ ބަލަން ފެށުމުން އޭނާ ވަނީ ތުހުމަތު ކުރެވޭ ކަންތައްތައް އިންކާރުކޮށްފައެވެ. ނަމަވެސް ފަހުން ކޯޓުގައި އެކަންކަމަށް ވަނީ އިއުތިރާފުވެފައެވެ.