ޚަބަރު

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން: ރައީސް

އެ މަނިކުފާނު ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުން ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ހިދުމަތް ވަރަށް މުހިންމު ކަމަށެވެ.

"ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމާއި ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި ދައުލަތުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ބުނެދިނުމާއި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިއެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވުދާޅުވީ އިންތިހާބީ ރައީސެއްގެ ގޮތުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެއްކަމަކީ، ދިވެހި ނޫސްވެރީންނާ އެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެއްސެވުން ކަމަށެވެ. ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާ އެކު ރައީސް އޮފީހުން ބައްދަލުވުންތައް ބާއްވައިފައިވާ ކަމަށާއި އެ ބައްދަލުވުންތަކުގައި ނޫސްވެރީން ދިން ހިޔާލުތަކާއި ފާހަގަކުރި ކަންކަން ނޯޓު ކުރައްވާފައިވާ ކަމަށެވެ.

އަދި ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހައްދަވައިދިނުމަށް އެމަނިކުފާނު ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަމެވެ. ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ހަގީގީ ކުލަ ޖައްސާނަމެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރީން މަސައްކަތް ކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ހަބަރު ފެތުރުމާއި ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެ ކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ހަބަރާއި މައުލޫމާތާއި ޝުއޫރުތައްވެސް މުޅި މުޖުތަމައަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުސަތު މިއަދު އެބައޮތެވެ. މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މައުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ގައުމީ ޒިންމާއެކެވެ. ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މައުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ހަބަރަކާ މެދު ފުންކޮށް ވިސްނުމާއި ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހެއެވެ. އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަހަމެއްގެ ސަބަބުން އަޅާ ވޭނާއި އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނޫސްވެރީންގެ ގައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިހުލާސްތެރިކަމާ އެކު އަދާކޮށްދިނުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ގައުމު ބިނާކޮށް، ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ ދަތުރުގައި ނޫސްވެރީން އެއްބާރުލުން ދިިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.