ރޯދަމަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނޫން ކަމަށާއި އެހެންވެ ބިލުތައް އިސްލާހުކުރަން ކުރުމަށް މިހާރު އެ ކުންފުނިތަކަށް އަންގާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ހީނާ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ މަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް، ބިލުތަކަށް ލުއި ދީފައިނުވާތީ، އެކަން ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
"ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް. ފެނާއި ކަރަންޓު ބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި" ހީނާ ވިދާޅުވިއެވެ.
ހީނާ އެގޮތަށް ވިދާޅުވި އިރު ސްޓެލްކޯ އަދި ފެނަކައިން ވަނީ ބިލުތަކަށް ޑިސްކައުންޓް ދީފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ. ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދިނުމަށް ދެމިތިބޭނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލުތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ފަހުން ބިލް ކުރެވުނު އެޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމަނާފައިވާ ކަމަށެވެ.
"ކަރަންޓު ބޭނުންކުރުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ބޮޑުވެފައިވާ ކަރަންޓު ބިލަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުގެ ބިލަށްވުރެ ބޮޑުނުވާނެގޮތަށް އަލުން ބިލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން" މުއާޒު ވިދާޅުވިއެވެ،
ރައީސް މުއިއްޒު، މާޗު މަހުގެ ހަތަރުވަނަ ދުވަހު ބ. އަތޮޅުގެ އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގައި އާންމުކޮށް ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިފަހަރު ރޯދަ މަހުގައި އެހެން ނުވާނެ ކަމަށެވެ.
"އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ. މިހާރު ފެނަކަ އާއި ސްޓެލްކޯގައި އަޅުގަނޑު ދަންނަވާފައިވާނެ، އެމްޑަބްލިޔުއެސްސީއަށް ވެސް ދަންވާފައިވާނެ އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ކިތަންމެ ލޯޑު ބޮޑުވިޔަސް، ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށާއި އެއީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްތަކުން ނަގާ 30 ރުފިޔާގެ ފީ އެޕްރީލް މަހުން ފެށިގެން އުވާލެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
އެފަދަ ލުއިތައް ރައްޔިތުންނަށް ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާވެރިކަމެއް ކަމަށާއި އިގުތިސާދީ ހާލަތާއެކު ރައްޔިތުން ވެސް ތިބީ ވަރަށް ހާލުގައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ އިގުތިސާދުގައި ބުންވަރު ޖައްސަމުން، ރައްޔިތުންނަށް ލުއިތައް ދިނުމަށް ކަމަށް ވިދާޅުވެފައިވެއެވެ.