މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީ އަށް 664 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީ އިން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު 664 މިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި ލިބުނު 789 މިލިއަން ރުފިޔާއަށްވުރެ 16 ޕަސެންޓް ދަށްވުމެކެވެ.
އާމްދަނީ ދަށްވުމާއެކު އެމްޓީސީސީ އަށް ފުރަތަމަ ކުއާޓާރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު ފަސް މިލިއަން ރުފިޔާ އެވެ. އެ އަދަދަކީ 82 ޕަސެންޓްގެ ދަށްވުމެކެވެ.
އެމްޓީސީސީ އިން ބުނީ، ފައިދާ ދަށްވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބާރު ފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ހަރަދު އިތުރުވުމާ ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދަވޭ އަސަރުގެ ސަބަބުން ކަމަށެވެ.
އަދި އެ އަދަދަކީ މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ސާފު ފައިދާއަށްވުރެ ދަށް އަދަދެއް ނަމަވެސް ހާލަތަށް ބަލައި ކުންފުނީގެ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.