ގދ. ތިނަދޫގައި ތައުލީމީ ހިދުމަތްދޭ ތިންތަނެއް ހުޅުވައިފިއެވެ.
ތިނަދޫގައި ހުޅުވާފައިވަނީ އިންސްޓިޓިއުޓަކާއި، ޓިއުޝަން ސެންޓަރަކާއި ގުރްއާން ކުލާހެކެވެ. މި ތިންތަން ހުޅުވާފައިވަނީ ނިމިދިޔަ އަށާވަނަ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާ ތަމްސީލު ކުރެއްވި މެންބަރު ސައުދުﷲ ހިލްމީގެ އިސްނެންގެވުމުގެ ދަށުންނެވެ.
"ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ސައުދު ﷲ ވިދާޅުވީ މިފަދަ ކަމެއް ކުރުމުގެ މަގްސަދަކީ އުފަންރަށުގައި މިފަދަ ހިދުމަތެއް ގާއިމުކޮށް ކުރިއަށް ގެންދިޔުން ކަމަށާއި ކުރިއަށް އޮތްތަނުގައި އެތަންތަނަކީ ތިނަދޫގައި ހުރި އެންމެ ފެންވަރު ރަނގަޅުތަންތަނަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ.
އަދި ޓިއުޝަންދިނުމަށްޓަކައި، ބައެއް ފަހަރު މާލެއިން ޓީޗަރުން ގެންދިޔުމާއި، ގުރްއާން މުދައްރިސުން ގެންގޮސްގެން ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިފައިވާ ކަމަށާއި މީގެ އިތުރުން ޓީޗަރުން ތަމްރީނު ކުރުމާއި ކުދިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިފައިވާ ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.