މ. އަތޮޅު ރަށެއްގެ ކުޑަ ފިރިހެން ކުއްޖަކު، އެ ރަށު ފަޅުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އަތުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި 15 އަހަރުގެ އެ ކުއްޖާ ރޭ ދަންވަރުގެ ވަގުތެއްގައި މާލެ އައީ އެ ރަށު ފަޅުގައި އަޅާފައި އޮތް ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެއްގައެވެ.
އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ލޯންޗު ނެތްކަން އެނގުނީ މިއަދު ހެނދުނު ކަމަށާއި އޭގެ ފަހުން އެ ރަށުން ކުއްޖަކު ގެއްލިގެން އުޅޭ ހަބަރު ލިބުނު ކަމަށެވެ.
"ފަހުން މި ހަބަރު އައީ އެ ލޯންޗު ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ފެނުނު ކަމަށް. އެއީ ނުވައެއް ޖަހާކަންހާއިރު ކަމަށް. އޭގެން އެ ކުއްޖާވެސް ފޭބިތަން ބައެއް މީހުންނަށް ފެނިފައި އެބަހުރި،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޑަ ކުއްޖާ ރަށުން ފުރީ ދަންވަރު 3:00 ހާއިރުއެވެ. އަދި އެކުއްޖާ ފުރީ އައިޑީ ކާޑާއި ބައެއް އަންނައުނުވެސް ދަބަހަކަށް އަޅައިގެންނެވެ.
"ވަން" އަށް އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އެ ކުއްޖާ މާލެ އައީ އޭނާގެ އުމުރުން 12 އަހަރުގެ ލޯބިވެރިޔާއާ ބައްދަލުކުރުމަށް ކަމަށެވެ.
ކުއްޖާ މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އޮތް އިރު، އެ ލޯންޗަށް ވަނީ ގެއްލުންތަކެއް ވެފައެވެ. އަދި އެ ކުއްޖާގެ ބެލެނިވެރިންނަށް ކުއްޖާ ވީތަނެއް ނޭނގި ގެއްލިގެން އުޅޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.