ޚަބަރު

ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދައި ބޭރުގެ މާކެޓުތަކުން ފުރުސަތު ހޯދައިދޭނަން: ރައީސް

ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދައި ދިވެހީންނަށް ބައިނަލްއަގުވާމީ މާކެޓުތަކުން ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށާއި ގައުމަށް މަންފާ ހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ އިގުތިސޯދީ މަސައްކަތްތައް ފުޅާކޮށް، އާ ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އާ އިންވެސްޓްމަންޓުތައް ކުރުމަށް ފަސް އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް ދެއްވާނެ ކަމަށާއި ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރުފުކޮށް، ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުމުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަދި ބޮޑެތި ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގުވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެއެވެ. މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަކީ ހަމައެކަނި ހައްލު ނޫން ކަމަށާއި މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދެމުން ގެންދަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމުތައް ތައާރަފުކުރުން މުހިންމެވެ. މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިއުމަށް ބޭނުންވާނެ ލުއި ލޯން ސްކީމުތަކާއި އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އުންމީދީ މަސައްކަތްތަކާ އެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށާއި ތިޔާގިކަމުގެ އެތައް ފުރުސަތުތަކެއް ކަމަށެވެ. އުންމީދު ކުރައްވަނީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.