އާބަން ޕްލޭނިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ ބިލާއެކު ފަސް ބިލެއް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކޮމެޓީތަކަށް ފޮނުވައިފިއެވެ.
އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓުގެ ބިލަކީ ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި ބިލެކެވެ.
އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުން ހިމެނެއެވެ. އަދި އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމުގެ އަސާސީ މިންގަނޑުތަކާއި އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ވިލަރެސް ކުރުމާބެހޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އެބިލް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުއެވެ. އެ އިސްލާހު ހުށަހެޅި މަގުސަދަކީ މިހާރު ތަންފީޒު ކުރަމުން އަންނަ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމެވެ.
ސަރުކާރުގެ ފަރާތުން ރިއަލްއެސްޓޭޓު ވިޔަފާރީގެ ބިލު ހުށަހެއްޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ. މަގުސަދަކީ ރާއްޖޭގެ ރިއަލްއެސްޓޭޓު ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ ވިޔަފާރި ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ މަގުފަހިކުރުމެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްއެވެ. އެ ބިލު ހުށަހަޅުއްވާފައިވަނީ، ދެމެހެއްޓެނިވި، ވަށައިޖެހޭ އުސޫލަކުން އެކަށީގެންވާ ރައްކާތެރިކަމާ އެކު އަދި ރަނގަޅު ފެންވަރެއްގައި ސިއްހީ ހިދުމަތުގެ ނިޒާމު ގާއިމް ކުރުމުގެ މަގުސަދުގައެވެ.
ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމްއެވެ. އެ ބިލްގެ މަގުސަދަކީ ގާނޫނުގެ ދަށުން މިހާރު ހިމާޔަތް ލިބިދޭ އުފެއްދުންތައް އިތުރަށް ތަފްސީލުކޮށް، ގާނޫނުގެ ދަށުން ކޮޕީރައިޓްގެ ހައްގަށް އަރައިގަތުން ކަމުގައި ނުބެލެވޭ އިސްތިސްނާ ހާލަތްތައް ކަނޑައެޅުމެވެ.