ޚަބަރު

ފީވަކާއި ކުޑަފަރީގެ ސިއްހީ މަރުކަޒުގެ މަސައްކަތް ނުފަށައިގެން ކޮންޓްރެކްޓަރަށް ވާނީ ނޯޓިސް ދީފަ: މިނިސްޓަރު

އިބްރާހިމް ޒަކީ

ދ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނުފަށައި ލަސްވަމުންދާތީ އާއި ފީވަކު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ އެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނަށް ނޯޓިސް ދީފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުން ކުޑަފަރީގައި ހަދަން ނިންމާފައިވާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓުގައި ސޮއިކޮށް މަސައްކަތް ފަށާ ހިސާބަށް ގޮސްފައިވަނިކޮށް ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވޭތޯ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލު ކުރީ 29 އޯގަސްޓުގައި ކަމަށެވެ. ނަމަވެސް ސަރުކާރު ނިމުނުއިރުވެސް އެ މަސައްކަތް ފެށިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ، އާއްމު އުސޫލަކީ މަސައްކަތް ހަވާލުކުރުމަށް ސޮއިކުރާތާ ދެ ހަފުތާގެ ތެރޭގައި މަސައްކަތް ފެށުން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުފަށައިގެން ދެ ފަހަރެއްގެ މަތިން ކޮންޓްރެކްޓަރާ ވާހަކަދައްކައިގެންވެސް މަސައްކަތް ފަށާފައިނުވާތީ މިހާރު ކޮންޓްރެކްޓަރަށް ނޯޓިސް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަސައްކަތުގެ އަގަށްވާ 15 ޕަސެންޓްގެ އެޑްވާސް ފައިސާ ވެސް 28 ޑިސެމްބަރުގައި ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް އެ މަސައްކަތް ނުވާނަމަ އެހެން ބަޔަކާ ހަވާލުކޮށްގެންވެސް ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފީވަކު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައި ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލާ ގުޅިގެން ހަލީލު ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް ލަސް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ތަނެއް ކަމަށާއި އެކަށީގެންވާ ވަރަށް މަސައްކަތް ކުރިއަށް ނުދާތީ އެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަށް ނޯޓިސް ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.