އިމާދު ލަތީފު
ދިވެހިން އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބިގަތްފަހުން ދާދިފަހަކާ ހަމައަށްވެސް ތާރީޚު ޖަހަމުންއައީ ހިޖުރީ ކަލަންޑަރަށް ބަލައިގެންނެވެ. ރަސްމީ އަދި ނުރަސްމީ ހުރިހާ ކަމެއްގައެވެ. ރަސްމީ ބައެއް ކަންކަމުގައި މީލާދީ ކަލަންޑަރަށް ބެލުމުގެ ސަގާފަތެއް ފެށުނީ ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި 1959 ވަނަ އަހަރުއެވެ. މި ބަދަލަކީ ރާއްޖޭގެ ކަންކަން ޒަމާނަށްފެތޭ ގޮތެއްގެ މަތިން އިސްލާހު ކުރުމަށް ނާސިރު ފެއްޓެވި ޕްރޮގްރާމުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. ވުޒާރާތައް މިނިސްޓްރީތަކަށް ބަދަލުކުރުމާއި އިނގިރޭސި ނަންނަން އިޚުތިޔާރު ކުރުމުގެ އޮއިވަރެއް ފެށުނީވެސް މިކަންތަކުގެ ތެރެއިންނެވެ. ކޮންމެއަކަސް ރަސްމީ ލިޔުންތަކުގައި މިދެންނެވި މަގުން 1959 ވަނަ އަހަރު މީލާދީތާރީޚު ޖަހަން ފެށިކަމަށްވިޔަސް ކުރީއްސުރެ ބޭނުންކުރަމުން އައި ހިޖުރީ ކަލަންޑަރު މުޅިއަކުން ދުލެއްވެސް ނުކުރެއެވެ. ތާރީޚު ޖަހަމުން އައީ ދެ ކަލަންޑަރުންނެވެ. މީލާދީ ކަލަންޑަރާއި ހިޖުރީ ކަލަންޑަރުންނެވެ.
މިގޮތަށް ރަސްމީ ލިޔުންތަކުގައި ދެ ތާރީޚު ޖަހަމުންއައިސް ހިޖުރީ ކަލަންޑަރު މުޅިން ދޫކޮށްލައި ހަމައެކަނި މީލާދީ ކަލަންޑަރު ބޭނުންކުރަންފެށީ ރައީސް މައުމޫނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި 1983 ވަނަ އަހަރުއެވެ. ރަސްމީ ކަންކަމުގައި މީލާދީ ކަލަންޑަރަށް ބެލުމުގެ ސިޔާސަތެެއް ނާސިރު ފެއްޓެވުމާ ހަމައަށް ތަންތަނުގެ އަހަރީދުވަސް ބެލުމާއި ފާހަގަކުރުމާއި މީސްމީހުންގެ އުފަންދުވަހާއި އުމުރު ބެލުމުގައި ރިއާޔަތް ކުރަމުން އައިސްފައިވަނީ ހިޖުރީ ކަލަންޑަރަށެވެ. މީލާދީ ކަލަންޑަރަކީ ގިނަ ދިވެހިން ދަންނަ ކަލަންޑަރެއްވެސް ނޫނެވެ. މާފަންނު ބަގީޗާގޭ ފެންޑާގައި ހުސައިން ސަލާހުއްދީނު ހިންގަވަމުން ގެންދެވި ޚާއްސަ ކުލާހެއް ނުވަތަ މަކުތަބެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަގީޗާގޭ ކުރިމަތީގައި ހުރި ފަނޑިޔާރުގޭގެ ފެންޑާއަކަށް ބަދަލުކޮށް، އެއީ ދައުލަތުގެ ފުރަތަމަ މަދަރުސާކަމުގައި ހަމަޖެއްސީ ދިވެހިންގެ ތެރެއަށް މީލާދީ ކަލަންޑަރު ތައާރަފުވެ ބޭނުންކުރަން ފެށުމުގެ 32 އަހަރު ކުރިންނެވެ.
ފަނޑިޔާރުގޭގެ ފެންޑާގައި ފެށުނު މަދަރުސާގެ ނަމަކީ މަދުރަސަތުއް ސަލާހިއްޔާއެވެ. އެތަން ފެށުނު ދުވަހަކީ ހިޖުރީ ގޮތުން 17 ޝައްވާލް 1345 އެވެ. މިކަންކުރީވެސް އަދި ފަހުން އަހަރީދުވަސް ބަލަމުންއައީވެސް ހިޖުރީ ކަލަންޑަރަށް ރިއާޔަތްކޮށްގެންނެވެ. އޭރުގެ ފަނޑިޔާރުގެއަކީ މިހާރުނަމަ އޮލިވް ގާޑަން ރެސްޓޯރަންޓް އެހެރަ ކޮށްޓެވެ. އެތަނުގައި ޝައިޚު ހުސައިން ސަލާހުއްދީނުގެ ނާޒިރުކަމުގައި އަދި ކެލާ ޝައިޚު އިބްރާހިމް ރުޝްދީގެ އެދުރުކަމުގައި ފަށައިގަތް މަދަރުސާ މާކަގިނަދުވަސްތަކެއްނުވެ ޖާގަކުޑަ ތަނަކަށްވެގެން، ސާދަމަސް ފަހުން އައު އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ. އެހިސާބުން މަދަރުސާގެ ނަންވެސް ސަލާހިއްޔާއަކުން މަދުރަސަތުއް ސަނިއްޔަތުލް ހުކޫމަތުލް މަހަލްދީބިއްޔާ ނުވަތަ ސަނިއްޔާއަކަށް ބަދަލުކުރިއެވެ. ދައުލަތް ހިންގަވާން ހުންނެވި ބޮޑުވަޒީރު އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ފެނިވަޑައިގަތީ ދައުލަތުން ޚަރަދުކުރާ ދައުލަތުގެ މަދަރުސާއެއްގެ ނަން ވަކި ފަރުދެއްގެ ނަމަށް ނިސްބަތްކުރެވިގެން ނުވާނެކަމުގައެވެ.
ސަނިއްޔާގެ ނަމުގައި މި މަދަރުސާ ހިންގަމުންއައިސް އޭގެ ވިހި އަހަރު ފަހުން އަތިރީގޭ މުހައްމަދު އަމީނަށް ފެނިވަޑައިގެން އަނެއްކާވެސް ނަން ބަދަލުކޮށްފިއެވެ. މިފަހަރު މަދުރަސަތުލް މަޖީދިއްޔާއަށެވެ. މިނަން ނިސްބަތް ކުރެވެނީ އަތިރީގޭ އަބްދުލްމަޖީދަށެވެ. އޭނާވެސް ދުނިޔޭގައި ހަމަގަދަކޮށް ހުންނެވިއެވެ. މީހެއްގެ ނަމުން ނަން ނުދެވޭނޭކަމަށް ކުރިން ވިދާޅުވި މަޖީދުވެސް ފަހުން ހުންނެވީ އޭނާގެ ނަންކަމަށް ވަންޏާ ދެން މައްސަލައެއްނެތް ގޮތަށެވެ. ކުރިން އޯކޭ ނުވިއަސް ފަހުން އޯކޭ ކުރައްވައިގެންނެވެ. ކޮންމެއަކަސް ސަލާހިއްޔާއަކުން ސަނިއްޔާއަކުން މަޖީދިއްޔާއަކަށް ބަދަލުވި މަދަރުސާ އަދިވެސް އެހެރީއެވެ. އެއީ މިހާރު ދިވެހިރާއްޖޭގައިހުރި އެންމެ ދުވަސްވީ މަދަރުސާއެވެ. ނުވަތަ ސްކޫލެވެ. ހިޖުރީ ކަލަންޑަރަށް ބެލީމާ އެ ސްކޫލަށް މިދިޔަ ހުކުރު ދުވަހު ސަތޭކަ އަހަރު ފުރިއްޖެއެވެ. ހިޖުރީގޮތުންވެސް އަދި އެނޫންގޮތަކުންވެސް މެދުނުކެނޑި ހިނގަމުންދާތާ ސަތޭކަ އަހަރުވީ އެހެން ސްކޫލެއް ދިވެހިރާއްޖޭގައި ނުވެއެވެ.
ކުރިންވެސް ދެންނެވުނު ފަދައިން ފަނޑިޔާރުގޭގެ ފެންޑާގައި ސަލާހިއްޔާގެ ނަމުގައި ދައުލަތުގެ ފުރަތަމަ މަދަރުސާ ވުޖޫދުވީ 17 ޝައްވާލް 1345 ގައެވެ. މިދިޔަ ހުކުރުދުވަހަކީ 17 ޝައްވާލް 1445 އެވެ. އެހެންވީމާ އެއީ މަޖީދިއްޔާއަށް ސަތޭކަ އަހަރު ފުރުނު ދުވަހެވެ. މަދަރުސާ ހުޅުވީ ހިޖުރީ ކަލަންޑަރަށް ބަލައިގެންނެވެ. ކުރިން ތާރީޚު ޖަހަމުން ބަލަމުންއައީވެސް ހިޖުރީ ކަލަންޑަރަށް ރިއާޔަތްކޮށްގެންނެވެ. މިހެން މިމަގުން ކަންކަން ހިންގަމުންއައިސް ކުރިން ދެންނެވި މީލާދީ ކަލަންޑަރަށް ތަބާވާންފެށި ހިސާބުން މަޖީދިއްޔާގެ އަހަރީ ދުވަސް މީލާދީ ކަލަންޑަރަށް ފެތެނީ ކޮންދުވަހަކުތޯ ބަލަން ހިސާބު ޖަހައިލީމާ ފެނުނީ އެދުވަހަކީ 19 އެޕްރީލް 1927 ކަމުގައެވެ. މިދެންނެވި މީލާދީ ތާރީޚަށް ބަލައިގެން ކުރި އެންމެބޮޑު ކަމަކީ މަޖީދިއްޔާގެ ރަންޔޫބީލް ނުވަތަ ފަންސާސް އަހަރު ފުރުން ފާހަގަކުރުމެވެ. އެކަންކުރީ ރައީސް ނާސިރުގެ ވެރިކަމުގެ އެންމެފަހު ދުވަސްކޮޅުގެ ތެރޭގައި 19 އެޕްރީލް 1977 ގައެވެ.
މީލާދީ ކަލަންޑަރުން މަޖީދިއްޔާއަށް ސަތޭކަ އަހަރު ފުރޭނީ 19 އެޕްރީލް 2027 ގައެވެ. އެކަމަށް އަދި ތިން އަހަރު އެބައޮތެވެ. އެކަމަކު ހިތަށް އަރަނީ މިހެންނެވެ. މަޖީދިއްޔާ ވުޖޫދުކުރި ބަޔަކު ރިއާޔަތްކުރީ އިސްލާމީ ކަލަންޑަރަށެވެ. ސަލަވާތް ފާތިހާ ކިޔަވައި މަސައްކަތް ފަށައިގަތީ ހިޖުރީ ކަލަންޑަރަށް ބަލައިގެންނެވެ. އެގޮތުން ވުޖޫދުކުރި ސްކޫލަކީ މިހާރު މި އިސްލާމީ ގައުމުގައިހުރި އެންމެ ގިނަދުވަސްވީ ތައުލީމީ މަރުކަޒެވެ. އެތަނަށް އިސްލާމީ ކަލަންޑަރުން ސަތޭކަ އަހަރު ފުރުން ފާހަގަކުރުމަކީ ނެތްކަމެއް ހެއްޔެވެ. އެއީ ކުށެއްހެއްޔެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި މަޖީދިއްޔާ ސްކޫލްގެ މެނޭޖްމަންޓާއި މމދ ޖަމިއްޔާއިން ދެކޭގޮތެއް ނޭނގެއެވެ. ހިޖުރީގޮތުން ސަތޭކަ އަހަރު ފުރުން ކުޑަގޮތަކަށް ފާހަގަކޮށްފައި އަދި ތިން އަހަރު ފަހުން ކުލަގަދަކޮށް މީލާދީގޮތުން ސަތޭކަ އަހަރު ފުރުންވެސް ފާހަގަ ކުރެވިދާނެއެވެ. އެކަން އެއްވެސް ބަޔަކު ކުރިކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އަޅުގަނޑާއި ތާރީޚުގެ އިލްމުވެރިންގެ ތެރެއިން ހިރިލަންދޫ މުހައްމަދު ޝާތިރާއި މަރަދޫ މުހައްމަދު ނާޖިހާއި ދޮންބީނާގޭ އިބްރާހިމް މަނިކު އެއްތަންވެ އޮލިވް ގާޑަންގައި ކަރުތެންމައިލުމަކުން އެދުވަސް ފާހަގަކުރީމެވެ.