ޚަބަރު

ސިއްހީ އިހުމާލަކުން މީހަކު މަރުވި ކަމުގެ ތުހުމަތާއެކު މައްސަލަ ބަލަނީ

ފާތިމަތު ލިޔުޝާ

1

ތ. ތިމަރަފުށީ ސިއްހީ މަރުކަޒުން އެ އަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވި ބަލި މީހަކު، އެ ހޮސްޕިޓަލުގެ އިހުމާލަކުން މަރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަން ފަށައިފިއެވެ.

ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މާލެ ފޮނުވަން އެދި، ތިމަރަފުށީ ސިއްހީ މަރުކަޒުން ފޮނުވި އުމުރުން 65 އަހަރުގެ އަންހެން މީހާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ބުނީ، އެ މީހާ ވޭމަންޑުއަށް ފޮނުވީ ނޭވާލުމުގެ މައްސަލައެއް ދިމާވެގެން އިމަޖެންސީކޮށް އެއާ އެމްބިއުލާންސްގައި މާލެ ގެނައުމަށް ކަމަށެވެ.

ނަމަވެސް ތިމަރަފުށިން އެ މީހާ އުފުލި އެ ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސްގައި ހުރީ ހުސް ފުޅިއެއް ކަމަށް އޭނާ ތުހުމަތު ކޮށްފައިވެއެވެ.

މިކަމުގެ އިތުރު މައުލޫމާތު ހޯދަން ތިމަރަފުށި ހެލްތް ސެންޓަރަށް "ވަން" އިން ގުޅުމުން އެ ތަނުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ބަލައި ތަހުގީގު ކުރަމުންދާތީ ތަފުސީލުކޮށް ކަމުގެ ހަގީގަތް ކިޔައިދެވެން ނެތް ކަމަށެވެ. އަދި ތަހުގީގު ނިމުމުން ހުރިހާ މީޑިއާއަކަށްވެސް އެކަން ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.

އެސެންޓަރުގެ ހަވާލުވެ ހުންނެވި އިސްވެރިޔާ އަހްމަދު ނަސިީރު "ވަން" އަށް ވިދާޅުވީ، ބަލިމީހާ ގެންދިޔަ އެންބިއުލަންސްގައި ހުސް އޮކްސިޖަން ފުޅިއެއް ނުހުންނާނެ ކަމަށާއި ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ދައުކުރާ ހަބަރު ތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެކަން ހިނގައި ދިޔަގޮތް މިހާރު އޮންނާނީ ތަހުގީގުކޮށްފައި. އެންބިއުލަންސް ތެރޭގައި ހުސްފުޅިއެއްވެސް ނެތް. ހުރި ނަމަ އެ ތަހުގީގުން އެނގޭނެ. އިހުމާލުވާ މީހަކާ އަދި ޑޮކްޓަރުގެ އިހުމާލެއް ވާނަމަވެސް އެޓެންޑުވި ޑްރައިވަރުވިޔަސް ހުރިހާ ކަމެއް އެނގެން އޮންނާނީ ތަހުގީގު ރިޕޯޓުން،"ނަސީރު ވިދާޅުވިއެވެ.

މިއީ ތިމަރަފުށީ ސިއްހީ މަރުކަޒާ ގުޅުން ހުރި ކޭސް އެއް ނޫން ކަމަށާއި އެއީ އަތޮޅު ހޮސްޕިޓަލުން ރިކުއެސްޓުކޮށްގެން އެއާ އެމްބިއުލަންސްގައި މާލެ ފޮނުވުމަށް ގެނައި ޕޭޝަންޓެއް ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

"އެއާޕޯޓަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ތެރޭ ހިނގައިދިޔަ ކަމެއް. އެނގެން އޮންނާނީ ޑޮކްޓަރުގެ ރިޕޯޓާއި އެމްބިއުލާންސް ތެރޭ އެވަގުތު ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް. ސިއްހީ މަރުކަޒަށް ގެނައި އިރު އެ މީހާ ނިޔާވިކަން އެނގޭނީ މަރުފޯމުން. އެކަމާ ދޭތެރޭ ވަކި އެއްޗެއް ބުނަން ދަތި،" ނަސީރު ވިދާޅުވިއެވެ.

ވޭމަންޑޫ ހޮސްޕިޓަލަށް "ވަން" އިން ގުޅުމުން އެ ހޮސްޕިޓަލުންވެސް އެކަމުގެ ތަފުސީލު ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟