ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާކޮށްފި ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 1500 ޓަނުގެ ބޯފެން ދިވެހިރާއްޖެއަށް ހަދިޔާކުރައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެ ކުންފުނިން ހަދިޔާކުރަން ބުނި ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުން ނިންމަވާފައި ވަނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި މިފެން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޗައިނާގެ އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ޔަން ޖިން ހައި 2023ގެ ނޮވެމްބަރުގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރެއްވިއެވެ. އަދި ރާއްޖެއާއި އެ ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާއި، ސީދާ ދަތުރުތައް ފެށުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އެ ރީޖަންއާއި ރާއްޖެއާ ދެމެދުގައިވާ ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި، ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.