ޚަބަރު

ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފި

އަލީ އިހްސާން

އަވައްޓެރި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އަވައްޓެރި ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމުގައެވެ. އެގޮތުން ސްޕެޝަލް ވިސާ އަދި ބިޒްނަސް ވިސާގައި ރާއްޖެ އައުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް ވިސާ އެޕްރޫވަލް ދިނުމުގައި ސަލާމަތީ ގޮތުންނާއި މިނޫންވެސް އެހެން ގޮތްގޮތުން ބަލަންޖެހޭ ކަމަށެވެ.

މިގޮތުން ވިސާ އެޕްރޫވަލް ދިނުމަށް އާއްމުކޮށް ހޭދަވާ 48 ގަޑިއިރަށްވުރެ ދިގު މުއްދަތެއް ހޭދަވާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންކަމުން ވިސާ އެޕްރޫވަލް ނުލިބެނީސް ރާއްޖެ ދަތުރު ނުކުރެއްވުމަށް އެދޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނެފައިވަނީ މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް އަޅަން މަޖުބޫރުވެފައިވާ ފިޔަވަޅެއް ކަމުގައެވެ.