ޚަބަރު

އައްޑުއަށް މިދިޔަ 24 ގަޑިއިރު ތެރޭ 167 މިލިލީޓަރުގެ ވާރޭ ވެހިއްޖެ

ފާތިމަތު ލިޔުޝާ

ފާއިތުވި 24 ގަޑިއިރު ތެރޭ އައްޑުއަށް 167 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޯލްޑިވްސް މިތްރޮލޮޖިކަލް ސެންޓާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީގެ ގަމަށެވެ. އެއީ 167.7 މިލިލީޓަރުގެ ވާރޭއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ފޭސްބުކް ކުރި ޕޯސްޓެއްގައި ބުނީ، އެ ސިޓީއަށް ކުރި ވިއްސާރައިގައި، ފޭދޫގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ގޭގެޔަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އޭގެތެރެއިން ދެ ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުކުރި ކަމަށެވެ.

އޭގެއިތުރުން 40 އަށްވުރެ ގިނަ ގެއަށް ފެންވަދެގެން އެ ސިޓީ ކައުންސިލް އިދާރާއަށް ރިޕޯޓުކުރި ކަމަށެވެ. އަދި ފެންވަދެފައިވާ ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް އެމްއެންޑީއެފް ސަދާން އޭރިޔާގެ ސިފައިންނާއި ގަން ޕޮލިހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިއްޔެ ބުނީ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އެސިޓީގައި ފެންބޮޑުވެ ބައެއް ގޭގެއަށް ދަނީ އަސަރު ކުރަމުން ކަމަށެވެ. މި ގޮތުން ހަތަރު ގެއެއްގައި ދިރިއުޅެން ދަތިވާ ވަރަށް ފެންބޮޑުވެ، އެގޭގައި ދިރިއުޅޭ އައިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދާ ކަމަށެވެ.